ހދ.އަތޮޅުގައި ފަތުރުވެރިކަން ނެތި އޮތް އޮތުން ނިމުމަކަށް ގެންނަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުޢިއްޒުވަނީ އެމަނިކުފާނު ގެންގުޅުއްވާނެ އިޤްތިޞާދީ ސިޔާސަތާއި ގުޅޭ ބައެއް ކަންކަން ޙިއްސާކުރައްވާފައެވެ. މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ގިނަ ވިސްނުންތައް އެބަހުރިކަމަށެވެ. އެގޮތުން ހދ.އަތޮޅަށް އިޤްތިޞާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ، އެކަން ކުރާނީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައިކަމަށެވެ.
"މިއަތޮޅު މިއޮތް ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ. އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން." މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ހިންގާ މަޝްރޫޢުތައް އަވަސްކޮށް، ރާއްޖޭގައި ފައިސާ ދެމެހެއްޓުމަށް އިންވެސްޓްމަންޓް ބޭންކެއްވެސް އުފައްދާނެކަމަށެވެ. މުޢިއްޒު ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ މުހިންމު ފުރުޞަތަކަށް ހައްދަވާނެކަމަށެވެ.
އެގޮތުން މިހާރު ބައެއް މަޝްރޫޢުތައް ހަވާލުކުރުމުގައި ވަކި ކުންފުނިތަކަކަށް މަންފާވާގޮތަށް ހިންގޭ ކަންކަން ނިމުމަކަށްގެނެސް، އަމިއްލަ ކުންފުނިތަކަށް ހަމަހަމަ ފުރުޞަތުތަކެއް ދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅޭ ޤާނޫނުތައްްވެސް ހަދާނެކަމަށް ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށްވެސް ފައިނޭންސް ކުރެވޭނެ ލުއިގޮތްތަކެއް ހަމަޖައްސަވާދެއްވާނެކަމަށެވެ. އެގޮތުން އެމްއެމްއޭއާއި ބީއެމްއެލްފަދަ ކޮމާޝަލް ބޭންކްތަކުން، އިންޓްރެސްޓް ކުޑަ ރޭޓްގައި ގެދޮރު އެޅުމަށް ލޯނު ދޫކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ބިން އޮވެ ގެދޮރު ނޭޅިތިބި މީހުންނާއި، ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށްވެސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
"މި ލޯނުތައް ދޭނީ %5އަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި. އަދި އަލަށް ގެދޮރު އަޅާ މީހުންނަށް އިސްކަން ދޭނަން." މުޢިއްޒު ވިދާޅުވިއެވެ.
ހދ.ކުޅިދުއްފުށީގައި ބޭއްވި ޖަލްސާއަކީ މުޢިއްޒުގެ ކެމްޕެއިންގައި އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ. ބޮޑުތިލަދުންމައްޗަށް މުޢިއްޒުކުރައްވާ ދަތުރުފުޅުގައި ހދ.އަތޮޅުގެ 4 ރަށަކަށް އަދި ހއ.އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވާނެއެވެ.