ޚަބަރު

އައު ސަރުކާރުގައި މިހާރުގެ ފްލެޓާ ގޯތި ލިސްޓު އުވާނުލާނަން: މުޢިއްޒު


  • މުޢިއްޒުގެ މާލެ ކެމްޕެއިން ޖަގަހަ ވަނީ ހުޅުވާފައި

  • މުޢިއްޒު ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރަންކަމަށް

  • ފުށިދިއްގަރު ފަޅު ހިއްކާ 11000 ގޯދި ދިނުމަށް ވަޢުދުވެވަޑައިގެންނެވި

އާ ސަރުކާރެއް އިންތިޚާބުވީނަމަވެސް، މިހާރުގެ ސަރުކާރުން ގޯއްޗާއި ފްލެޓްތައް ދޭން ކަނޑައަޅާފައިވާ ލިސްޓްތައް އުވާނުލާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ، ކެމްޕެއިންގެ މައި ޖަގަހަ "ދިވެހިންހިންގެ ޖަގަހަ" ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެއެވެ.

މުޢިއްޒުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ، ރިޔާސީ މެނިފެސްޓޯގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށެވެ. މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދުވަނީ އެކަން ކުރާނެ ޕްލޭނާއި، ފައިސާއާއި ޓެކްނިކަލް މަސައްކަތްތައް ކުރެވޭނެ ގޮތްތައް އެނގި ޕްލޭންކުރެވިގެންކަމަށެވެ. މުޢިއްޒު ވިދާޅުވީ، ޕީޕީއެން/ޕީއެންސީގެ ވެރިކަމެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް ދިވެއްސެއް ނުހުންނާނެކަމަށެވެ.

މުޢިއްޒު ވަނީ މާލެ ސަރަޙައްދަށް ހުރި ބައެއް މަޝްރޫއުތަކުގެ މަޢުލޫމާތުުވެސް ޙިއްސާކުރައްވާފައެވެ. މާލެ ކައިރި ފުށިދިއްގަރު ފަޅު ހިއްކާ، އެތަން ޚާއްސަ މާސްޓަރ ޕްލޭނެއްގެދަށުން ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން 11000 ގޯއްޗާއި، 20000 ފްލެޓް އެތަނުގައި ތަރައްޤީކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ

"މިހާރުވެސް ކުރެހުންތައް އެބަ ތައްޔާރުކުރަން ޕްލޭން އޮންނާނެ ގޮތް ދައްކާލަން. އެފަޅު ހިއްކާ 1600އަކަފޫޓުގެ 11000 ގޯތި ދެވޭނެ. އަދި 1400 އަކަފޫޓުގެ 20000 ފްލެޓް ތަރައްޤީކުރާނަން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ޕްލޭނާއި މެނިފެސްޓޯތައް، ތަފްސީލީގޮތެއްގައި ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ އިތުރުން، ވަޒީފާއާއި އިޤްތިޞާދު ކުރިއެރުވުމަށްވެސް މުހިންމު މަސައްކަތްތަކެއް ރާވާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އަދުލު އިންސާފާއި، ހަމަހަމަކަން ޤާއިމުކުރުމަކީވެސް އަލުން އިއާދަކުރަންޖެހިފައިވާ ކަމެއްކަމަށާއި، އެކަންވެސް ކުރައްވާނެކަމަށް މުޢިއްޒު ވަޢުދުވެވަޑައިގަތެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވަނީ މުޢިއްޒުގެ ކެމްޕެއިން ލަވަ އިފްތިތާހުކޮށްފައެވެ. އަދި ޕާޓީއަށް އަލަށް ގުޅުނު މީހުންގެ ފޯމް ވަނީ ހަވާލުކޮށްފައެވެ.