ޚަބަރު

ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ބޮޑު: ނާއިބުރައީސް


  • އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވޭ

  • ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ

ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށްބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުމަށް ޕްރައިވެޓް ސެކްޓަރތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވިދާޅުވީ އޭޑީކޭގެ ސިއްޙީ ޚިދުމަތަށް 36 އަހަރު ވެގެންދާއިރު، ޒަމާނީ ވަސީލަތްތަކާއެކު ސިއްޙީ ދާއިރާ ފުޅާކުރުމަށާ، ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ މީގެ ކުރީ އެއްވެސް ސަރުކާރަކުން އެދާއިރާ ކުރިއެރުވުމަށް ކޮށްފައިނުވާވަރުގެ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތަކަކީ ޝުކުރުވެރި ހިތްތަކުން ބަލައިގަންނަން ޖެހޭކަމެއް" ނާއިބު ރައީސް ވިދާޅުވިއެވެ

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާއްމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ހޮސްޕިޓަލުތަކުން މިފަދަ އާ ޚިދުމަތްތައް ތައާރަފްކޮށް ޚިދުމަތް ދޭންފަށާ ފަރުވާ ދޭނެބަޔަކު ތިބިނަމަވެސް ވިސްނަންވީ ތިމާގެ ލައިފް ސްޓައިލް ގެންނަން ޖެހޭ ބަދަލުތަކަށް އެއީ ވަރަށް މުހިންމުކަމެއް، ނަފްސާނީ ދުޅަހެޔޮކަމާއި ސިއްހީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގަން ޖެހޭ" ނާއިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރުއްވައިދެއްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 08 އޮގަސްޓް 2018ގައި، އޭޑީކޭ ހޮސްޕިޓަލްގައެވެ.