ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން 2023 އަދި 2024 ވަނަ އަހަރު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ހަރަކާތްތައް ހިންގުމަށްޓަކައި ބައިވެރިވާ ޕާޓްނަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ ޝާހިދު ޢަލީއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކުގައި އެމްޕީއެލްގެ ފަރާތުން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި މިގޮތަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ބޮޑެތިވަމުން އަންނަ ކުދިންނަށް ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.
2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިންހާހަށްވުރެ ގިނަ ދަރިވަރުން ޢިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްތައް ފުރިހަމަ ކުރާ ކުދިންގެ އުޅުން ފުލުހުންގެ އިދާާރާއިން ބަލަމުންދާއިރު، ގިނަ ކުދިން މުޖުތަމަޢުގައި އުފެދޭ ކުށްކުށަށް އަރައި ނުގަތުމަކީ މި ޕްރޮގްރާމުން ލިބޭ އެންމެ ބޮޑު ކުރިއެރުންކަން ފުލުހުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ، ފުލުހުންނާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން މިދަނީ ފުލުހުންނާ ގުޅިގެން ކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދެވޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ.
"ފުލުހުންނާ ގުޅިގެން މިފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭވަރަށް ބޮޑު އުފަލެއް، ވަކިން ހާއްސަކޮށް ފުލުހުންގެ މުއަށްސަސާއާއެކު މިފަދަ ކަމެއް ކުރުމަކީ އެމްޕީއެލްއަށްވެސް އޭގެ ފައިދާ އެތައް ގޮތަކުން ކުރާކަމެއް، އެންމެ އުފާވަނީ މުޖުތަމައުއަށް ބޮޑެތިވަމުން އަންނަ ކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދިނުމަށް ފުލުހުން ހިންގާ މި ހަރަކާތުގައި ބައިވެރި ވެވުނީތީ" ޝާހިދު ޢަލީ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުށްމަދުކުރުމުގެ ތަފާތު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. މިހާތަނަށް މުޅި ރާއްޖޭގައި މި ޕްރޮގްރާމް ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވެއެެވެ.