ހުސްވި ޖޫން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 1.61 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި ޢަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.7 ދަށް އަދަދެކެވެ. އަދި، ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %42.9 ގިނަ އަދަދެކެވެ.
ޖޫން 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 604.21 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 474.35 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 231.13 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 68.67 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 64.74 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 169.34 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖޫން 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 48.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާއި އާޅާބަލާއިރު މިއަހަރުގެ ޖޫންމަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ސުންގަޑި ވެސް ވަނީ ރަސްމީ ބަންދު ދުވަހަކަށް ދިމާވުގެ ސަބަބުން ޖުލައި 2023 އަށް ފަސްކޮށްފައިކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޓެކްސްތައް ދެއްކުމުގެ ސުންގަޑި ޖުލައި މަހަށް ފަސްކޮށްފައި ވީ ނަމަވެސް، ޓެކްސް ދައްކާ ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ފައިސާދައްކައިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.