ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަޤާމަށް ދިވެހި ވިޔަފާރިވެރިއެއްކަމަށްވާ ޢަލީ ފައުޒީ ހަމަޖައްސަވައިފިއެވެ. މިއީ ރަޝިޔާ ސަރުކާރުން ޢައްޔަންކުރާ މަޤާމެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް ހަމަޖެއްސެވި ޢަލީ ފައުޒީ މަޤާމު، ދިވެހި ސަރުކާރުން ޤަބޫލުކުރެއްވިކަމުގެ ލިޔުން ނުވަތަ އެގްޒެކުއޭޓާ އޭނާއާ ވަނީ ޙަވާލުކުރައްވައިފައެވެ. އެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.
ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް ޢައްޔަންކުރެއްވި އަލީ ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރީގައި ޙަރަކާތެރިވާ ސްޓީލް ހާރޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރއެވެ.
ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް އަލީ ފައުޒީ އޢައްޔަންކުރެއްވުމާ ގުޅިގެން އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަޝްވަރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރަޝިޔާގެ އިތުރުންވެސް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލުން ވަނީ ޢައްޔަންކުރައްވައެވެ. އޮނަރަރީ ކޮންސުލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރަނީ އެ ޤައުމެއްގެ ސަފީރެއް ރާއްޖެއަށް ކަނޑައަޅާފައިނުވާ، ނުވަތަ ރާއްޖޭގައި ނުތިބޭގޮތަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކޮށްފައިވާ ޤައުމުތަކުންނެވެ. އަދި އެ މަޤާމުތަކަށް މުޅިންހެން ޢައްޔަންކޮށްފައި ވަނީ ދިވެހިންކަން ވެސް ފާހަަގަކޮށްލެވެެއެވެ. އެ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ އެ ޤައުމުތަކުގެ މީހުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލަކު ޢައްޔަންކުރެއްވި ރަޝިޔާއަކީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމުކަން ފާހަގަކުރެވެއެވެ.