ޚަބަރު

ގައިންގަޔަށް ނާރާބަލިތަކާމެދު ޢާއްމުން ހޭލުންތެރިކުރުން


ގައިންގަޔަށް ނާރާ ބަލިތަކުގައި ރާއްޖޭގައި މީހުން މަރުވާ ނިސްބަތް އިތުރުވަމުންދާތީ، މިކަމާގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް އިސްކަންދެއްވުމަށް، ޞިއްހަތާބެހޭ ވަޒީރު އިރްތިޝާމް އާދަމް ޞިއްޙީ އޮފިޝަލުންނަށާއި މީޑިއާއަށް ގޮވާލައްވައިފިއެވެ.

ޞިއްޙަތާއި ބެހޭ ވުޒާރާއާއި ދުނިޔޭގެ ޞިއްހަތާއި ބެހޭ ޖަމްއިއްޔާއި ގުޅިގެން ރާއްޖޭގެ މީޑިއާއަށް މައްލޫމާތު ދިނުމަށްޓަކައި އިއްޔެ ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޞިއްހަތާބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވީ، މިހާރަށް ވުރެ އާއްމު ޞިއްޙަތުގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، މިކަމުގައި އެންމެ އިސްދައުރެއް އަދާ ކުރެވޭނީ މީޑިއާގެ ވަޞީލަތްތަކަށް ކަން ޤަބޫލު ފުޅުކުރައްވާކަމަށެވެ

އަދި ޢާއްމުންނަށް ބޭނުންވާ މަޢުލޫމާތު ފެތުރުމުގައި، ޞިއްހީ ޚިދްމަތްދޭ އިދާރާތައްވެސް މިހާރަށް ވުރެ ހަރުދަނާކޮށް، އާއްމު ޞިއްޙަތާބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދޭއިރު އެމައުލޫމާތުތަކަކީ ޞައްޙަ މައްލޫމާތުތަކެއްކަން ކަށަވަރުކޮށް ހަލުވިކަމާއި އެކު އާއްމުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވަކިން ޚާއްޞަ ގޮތެއްގައި ގައިން ގަޔަށް ނާރާ ބަލިތަކާއި މެދު އާއްމުން ހޭލުންތެރި ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ބައްލަވާލެއްވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން ބޭއްވި މިބައްދަލުވުމުގައި މީޑިއާތަކުން 12 ފަރާތަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޢްލޫމާތު ދީފަިއވަނީ ޞިއްޙީ ބަލިމަޑުކަމެއް އަންނަ ހިނދު މީޑިއާއިން މަޢުލޫމާތު ފަތުރާނޭ ގޮތްތަކާއި، މަޢުލޫމާތު ފެތުރުމުގައި ގެންގުޅޭނޭ އުޞޫލްތަކާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ޒިކާ ވައިރަސްއާއި ގުޅިގެން ޑަބްލިއު.އެޗް.އޯއާ ޞިއްޙަތާބެހޭ އިދާރާއިން ޢަމަލުކުރައްވާ ގޮތް މީޑިއާއާއި ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ހަކުރު ބަލި ފަދަ ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުންވެސް ނޫސްވެރިންނާއި މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

މިބައްދަލުވުމުގައި މަޢުލޫމާތުދެއްވީ ޑަބްލިއު.އެޗް.އޯގެ ބޭފުޅުންނާ ޞިއްޙަތާބެހޭ ފަންނީ މާހިރުންނެވެ.