އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝިދު އިސްވެ އުފެއްދުމަށް މަސައްކަތްކުރެއްވި "ދަ ޑިމޮކްރެޓްސް" އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނުއްވާފިއެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު 10 ޕާޓިއެއް އެބައޮތެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ އިސް ބައެއް މެންބަރުން އެޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. އެގޮތުން ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، މިވަގުތު ހަރަކާތްތެރި ވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފެވެ.
މި ޕާޓީ އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިއަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ، މި ހިނގާ ޖުލައިމަހުގެ 2 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ.
އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޚާއްސަ ޖަލްސާ ބާއްވާފައިވަނީ މި ހިނގާ ޖުލައިމަހުގެ 5 ވަނަ ދުވަހުއެވެ. މި ޖަލްސާގައި ޕާޓީ، ރަސްމީކޮށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނުމަށްޓަކައި، ކުރަންޖެހޭ ޚާއްސަ ބައެއް ކަންކަމާއި، ތައްޔާރު ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ވަނީ ތައްޔާރުކޮށް ހަމަޖައްސަވާފައެވެ. އެގޮތުން، އެ ޖަލްސާގައި ޕާޓީގެ ރަސްމީ ކުލައެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހުދު ކުލަ އާއި، މަޑު ނޫ ކުލައަކާއި އަދި ކަޅު ކުލައެވެ. އަދި ޕާޓިގެ ލޯގޯއާއޮ އަސާސީ ޤަވާއިދު ފާސްކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމަނާފައިވާކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ރަޖިސްޓްރީ ވަނީ ޙަސަން ލަޠީފާ ހަވާލުކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރުއްވާނެކަމަށް ޑިމޮކްރެޓްސް އިން ވަނީ އިއުލންކޮށްފައެވެ. އަދި ކުރިއށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ އެކި އެކި މަޝްވަރާތައް، ޑިމޮކްރެޓްސްއިން އަންނަނީ އެކި އެކި ސިޔާސީ ޕާޓީތަކާއިއެކު ކުރަމުންނެވެ.