ޚަބަރު

ހުޅުދުއްފާރު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ޙަވާލުކުރައްވައިފި


  • ހުޅުދުއްފާރު ސިއްޙީ މަރުކަޒަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި

  • އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް

ރ. ހުޅުދުއްފާރުގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް، އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ނިސްޓްރީ އޮފް ހެލްތުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ހުޅުދުއްފާރު ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުޝަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 3.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަސައްކަތް ހަވާލުކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިންނެވެ. އަދި ސައުޝަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޙަލީމެވެ.

ޕީއެސްއެމް ނިއުސްއަށް އިތުރަށް މަޢުލޫމާތު ދެއްވަމުން ހުޅުދުއްފާރު ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ޝަރީފް ވިދާޅުވި، އެރަށު ސިއްޙީ މަރުކަޒަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށެވެ. 24 ގަޑިއިރު ޚިދުމަތް ދެމުންއަންނަ އެ ސިއްޙީ މަރުގެ ބައެއް މަސައްކަތްތަކަށް ކޯވީޑްގެ ސަބަބުން ވަރަށް ދަތިވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އައު ޢިމާރާއެކު ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ހުޅުދުއްފާރު ސިއްޙީ މަރުކަޒަކީ ދުވާލެއްގެ މައްޗަށް 25 މީހުންނާއި 30 މީހުންނާއި ދެމެދުގެ ޢަދަދަކަށް ޚިދުމަތް ދެމުން އަންނަ ސިއްޙީ މަރުކަޒެކެވެ. ޢާންމުބަލިތަކުގެ 2 ޑޮކްޓަރުނާއެކު ޚިދުމަތްދެމުން އަންނަ ހުޅުދުއްފާރު ސިއްޙީ މަރުކަޒުގެ އައު ޢިމާރާއެކު ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށްވެސް އެ ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އައު ޢިމާރާތާއިއެކު، އެ ސިއްޙީ މަރުކަޒުގެ އިދާރީ މަސައްކަތްތަކަށާއި، ބަލި މީހުންނަށް ފަރުވާދިނުމުގައިވެސް ބޮޑު ފަސޭހައެއް ލިބޭނެކަންވެސް ޢަބްދުﷲ ޝަރީފް ފާހަގަކުރެއްވިއެވެ.