ދިވެހި ދަޢުލަތުގެ މީޑިއާގެ ޓެލެވިޜަން މޯލްޑިވްސްއަށް ކޮށްދެއްދި ޚިދުމަތްތައް ފާހަގަކޮށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން އަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ޝަރަފުގެ ހަނދާނީ ފިލައެއް އަރުވައިފިއެވެ. މިއީ ޓީވީއެމްގެ އެންމެ މަތީ މަގާމުގައި ތިއްބަވައިގެން ބޮޑެތި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ޓީވީއެމްއަށް 45 އަހަރު ފުރުމާ ގުޅިގެން ދެއްވާ ޚާއްސަ ފިލާއެކެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން އަށް ޕީ.އެސް.އެމްގެ ފަރާތުން މި ޝަރަފުގެ ފިލާ ޙަވާލުކޮށްދެއްވީ އެކަމަށްޓަކާ ޓީވީއެމްގެ ސްޓޫޑިއޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޮޑުގެ ޗެއަރމަން އިބްރާހީމް ހިލްމީއެވެ. އެމަނިކުފާނަށް މި ފިލާ އަރުވާފައިވަނީ ދިވެހި ދައުލަތުގެ ޓީވީ މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް ޓެލެކާސްޓްގެ ޚިދުމަތް ދިނުމަށާއި، މި ޚިދުމަތް ކުރިއެރުއްވުމުގައި އަދާކުރެއްވި މުހިއްމު ދައުރުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ގަވަރންމަންޓް ހޮސްޕިޓަލްގެ ތަރުޖަމާނެއްގެ ގޮތުން 2 އޮކްޓޯބަރ 1968 ގައެވެ. އޭގެފަހުން ސަރުކާރުގެ ވަރަށް އާދައިގެ ވަޒީފާތަކުން ފެށިގެން ވަރަށް އިސް މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ.
އެމަނިކުފާނުގެ ޚިދުމަތްޕުޅުތަކުގެ ތެރެއިން ޓެލެވިޜަން މޯލްޑިވްސްއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ. ޓެލެވިޜަން މޯލްޑިވްސްގެ ޙަޔާތުގެ ފުރަތަމަ ދުވަސްތައް ގުނަމުންދިޔައިރު، އެތާނގެ އެންމެ ފުރަތަމަ މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރުމުގެ ޝަރަފު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓީވީއެމްއަށް ވަގުތީގޮތުން ފޮނުއްވާފައި ހުންނަވާ މެނޭޖަރެއްގެގޮތުގައި ޓީވީއެމްގެ ޚިދުމަތާއި އެމަނިކުފާނު ގުޅިވަޑައިގަތީ، 15 އޭޕްރީލް 1978 ގައެވެ. އެމަޤާމުގައި އެއް މަސް ދުވަހު ހުންނެވުމަށްފަހު ޓީވީއެމްގެ މެނޭޖަރެއްގެ ގޮތުގައި 16 މެއި 1978 އިން ފެށިގެން 7 މަސް ދުވަހުގެ މުއްދަތަކަށް ޚިދުމަތްކޮށްދެއްވިއެވެ.
އެދުވަސްވަރު ޓީވީއެމްއަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ޢަބްދުއްރަޝީދު ވަނީ ވަރަށް ގާތުން ދެކި ތަޖުރިބާކުރައްވާފައެވެ. ޓީވީއެމްގެ ޢިމާރާތް ބިނާކޮށްފައިވަނީ އަލަށް ހިއްކާފައިވާ ބިމެއްގައި ކަމަށްވުމާއެކު ދިޔަވަރު ބޮޑުވާއިރު ގޯތިތެރޭގައި ފެން ބޮޑުވެއެވެ. ތަނުގައި ހުރީ އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެކެވެ. އެ ސްޓޫޑިޔޯގައި ހުރީ އެންމެ 9 ލައިޓާއި 2 ކެމެރާއެވެ. ޢަބްދުއްރަޝީދު ހިމެނިވަޑައިގަންނަވާހެން އޭރު ޓީވީއެމްގައި މަސައްކަތް ކުރަން ތިބީ އެންމެ 8 މުވައްޒަފުންނެވެ. ސިގްނަލް ލިބެނީ ހަމައެކަނި މާލެއަށާއި، މާލޭގެ ވަށައިގެން ސާޅީހަކަށް މޭލު ދުރަށެވެ.
ކަންމިހެން އޮތްނަމަވެސް ޢަބްދުއްރަޝީދުގެ ބެއްލެވުމުގެ ދަށުން ޓީވީއެމްއިން ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ޚިދުމަތްތަކެއް އެ ދުވަސްވަރުވެސް ފޯރުކޮށްދީފައެވެ. ޢުމްރާނީގޮތުންނާއި، ބޭނުންކުރާ ސާމާނުގެ ގޮތުންނާއި، މުވައްޒަފުންގެ ޢަދަދާއި ފެންވަރުގެ ގޮތުންނާއި، ޚިދުމަތް ދެވޭ މިންވަރާއި ފެންވަރުގެ ގޮތުންނާއި، މި ނޫންވެސް އެތައް ގޮތަކުން ޓީވީއެމްއިން އެދުވަސްވަރު ހޯދި ކޮންމެ ކާމިޔާބީއަކާއި ކުރިއެރުމެއްގެ ފަހަތުގައި ޢަބްދުއްރަޝީދުގެ ޚިދުމަތާއި ދައުރު މުހިއްމުވެފައި ބޮޑެވެ.
ޢަބްދުއްރަޝީދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް މުހިންމު ޚިދުމަތްތަކަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ 11 ނޮވެމްބަރ 1978 ގައި ހަވާލުވެވަޑައިގަތުމަށްފަހު، އުފެއްދެވި އެންމެ މުހިންމު އެއް އިދާރާ ކަމަށްވާ ނޭޝަނަލް ޕްލޭނިންގ އޭޖެންސީގަޔާއި އަދި އޭގެފަހުން 1982 ވަނަ އަހަރު އުފެއްދެވި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކެވެ.
ރާއްޖޭގެ ރަށްރަށުގެ ޢާންމު ޙާލަތު އޭރު އޮތްގޮތުން ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވައި ހިންގެވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނެވި އަދި އެކަން ތަޖުރިބާ ކުރެއްވި އެއްބޭފުޅަކީ ޢަބްދުއްރަޝީދެވެ. ރާއްޖޭގެ މިހާރުގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލެއްވުމުގެ މަސައްކަތްތައް ފެށިގެން އައީ ޢަބްދުއްރަޝީދުގެ މޭސްތިރިކަމުގެ ދަށުންނެވެ.
އެއަށްފަހު، ޢަބްދުއްރަޝީދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނަވައިގެންނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމުގައި ކޮށްދެއްވި ޚިދުމަތްތަކެކެވެ.
ވަރަށްގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ޢަބްދުއްރަޝީދު ވަނީ ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރ އޮފް ޕްލޭނިންގ ހިޔުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރ ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
ސަރުކާރުގެ މަޤާމުތަކުގައި އަދާކުރައްވާފައިވާ ޚިދުމަތްތަކުގެ އިތުރުން ޢަބްދުއްރަޝީދު ޙުސައިނަކީ އަދަބީ ރޮނގުންވެސް ފާހަގަކުރެވޭ ބޭފުޅެކެވެ. ވަރަށް ކުރީއްސުރެ ތަފާތުގިނަ މަޖައްލާތަކަށް ލިޔުއްވައި އަދި މިހާރުވެސް ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ. ޢަބްދުއްރަޝީދަކީ މިހާރު ރާއްޖޭގައި ތިއްބެވި ޅެންވެރިންގެ ތެރެއިންވެސް އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޤައުމީ ޅެންތަކާއި ލަވަތަކަކީ، އަޅުގަނޑުމެންގެ ލެޔާ ކުޅެލާފަދަ ޖޯޝުން ފުރިގެންވާ އަދި އަޅުގަނޑުމެން ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހަމުން ގެންދާ ޅެންތަކާއި ލަވަތަކެވެ. ހަމައެހެންމެ، އެކި މުނާސަބަތުތަކަށާއި ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވާފައިވާ ޅެންތަކަކީވެސް ހަނދާނުން ފުހެވިގެންދާނޭ ޅެންތަކެއް ނޫނެވެ. އެމަނިކުފާނުގެ ޅެންތައް އެކުލެވޭ ފޮތެއް ދިވެހިބަހުގެ އެކެޑެމީން 2012 ވަނަ އަހަރު ޝާއިޢުކުރައްވާފައިވެއެވެ.
ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 2006 ވަނަ އަހަރު ޢަބްދުއްރަޝީދު ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ. ޢަބްދުއްރަޝީދު ޙުސައިން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތައް ފާހަގަކުރައްވާ ސަރުކާރުން ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެމަނިކުފާނަށް އަރުވާފައިވަނީ 2013 ވަނަ އަހަރުގައެވެ.
ާާ
މަޜްޙަބާ