ރިޔާސީ އިންތިޚާބުގައި ވޯޓުލައި ނިމުމުން ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން ނައްތާލުމުގެ ބަދަލުގައި، އެއާމެދު ޢަމަލުކުރެވޭނެ އެހެން ގޮތްތަކެއް، ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅުއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ، އިންތިޚާބުގައި ވޯޓުލާ ނިމުމުން، ބަީވާ ވޯޓު ކަރުދާސްތައް ވަގުތުން ނައްތާލުމަށް ހުށައަޅުއްވާފައެވެ. އެގޮތަށް އެދުނީ އިންތިޚާބަށް އޮންނަ ނުފޫޒް ކުޑަކުރުމަށްކަމަށް ޤައުމީ ލަފާދޭ ކޮމިޓީގައި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ބާކީވާ ވޯޓު ކަރުދާސްތައް ނައްތާލުމަކީ އިންތިޚާބުގެ ސައްޙަކަން ރައްޔިތުންނަށް ކަށުވަރުކޮށްދިނުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ޝިޔާމް ވަނީ އިލެކްޝަންސް ކޮމިޝަނުން އެކިއެކި ޤާނޫނަށް، މީގެކުރިންވެސް އިންތިޚާބާއި ގާތްކޮށް އިސްލާހު ހުށައަޅާކަން ފާހަގަކުރައްވާ، އެފަދަ އިސްލާހެއް ޤާނޫނަށް ގެނައުމަށް އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ވޯޓުލާ ނިމިގެން ބާކީ ހުންނަ ކަރުދާސްތައް، ވޯޓުލާ މަރުކަޒެއްގައި ބާކީ އެހުންނަ ކަރުދާސްތައް ވޯޓު ގުނަން ފެށުމުގެ ކުރިން އެތާގައި ތިއްބަވާ އޮބްޒަރވަރުންނާއި، މަންދޫބުންނާއި، މޮނިޓަރުންގެ ހާޒިރުގައި އެ ކަރުދާސްތައް ނައްތާލަ ދިނުމަށް އަޅުގަނޑުމެން މި އެދެނީ." އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ލަފާދޭ ކޮމިޓީ ވުޖޫދުވުމުގެ ކުރިންވެސް ޕީޕީއެމުން އެގޮތަށް އެދިފައިވާ ކަމަށެވެ. އެއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ އިލެކްޝަންސް ކޮމިޝަނުން ބަލާފައިވާނެކަމަށް ޙަބީބު ވިދާޅުވިއެވެ. އަދި މިހާރު އިންތިޚާބުތަކާބެހޭ ޤާނޫނު އޮތްގޮތުން އެކަން އެގޮތަށް ކުރެވެން ނެތް ކަމަށާއި، އެގޮތަށް ބާކީވާ ވޯޓު ކަރުދާސްތައް މިހާރު ޤާނޫނު އޮތް ގޮތުން ނައްތާލެވޭނީ 14 ދުވަސްފަހުން ކަމަށް ހަބީބު ވިދާލުވިއެވެ.
ރިޔާސީ އިންތިޚާބު 2023 އާ ގުޅިގެން އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ)ގައި މިއަދު ކުރިއަށްގެންދިޔަ ޤައުމީ ލަފާދޭ ކޮމިޓީގެ 02ވަނަ ބައްދަލުވުމުގެ ތެރެއިން @IsmailHabeeb @FuwadThowfeek @hrcmv @cscmaldives @ACC_Maldives pic.twitter.com/rAsFmLUtuz
— Elections Commission (@ElectionsMv) July 5, 2023
ޙަބީބް ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ނިމޭވަގުތު ވޯޓު ކަރުދާސްތައް ނައްތާލައިފިނަމަ އެކޮމިޝަނަށް އެކި ފާޑުކިޔުންތައް ރައްދުވާނެކަމަށެވެ. ޙަބީބް ވަނީ ބާކީ ހުންނަ ވޯޓު ކަރުދާހަކީ ސެކިޔުރިޓީ އުރައެއްގައި ބަންދު ކުރެވި ސަލާމަތީގޮތުން ރައްކާތެރިކުރެވިފައިވާ އެއްޗެއްކަންވެސް ފާހަގަކުރައްވާފައެވެ.
"ވޯޓުލާ ނިމިގެން ރަސްމީ ނަތީޖާ އިޢުލާނު ކުރެވި، އަދި ކޯޓުތަކުގައި ހުންނަ މައްސަލަތައް ނިމިގެން އޭގެ 14 ވަރަކަށް ދުވަސްފަހުން އަޅުގަނޑުމެންނަށް ވޯޓުލާ ކަރުދާސްތައް ނައްތާ މި ލެވެނީ. އެހެންވީމަ އޭގެ ކުރިން އެއްވެސް އެއްޗެއް ނައްތާލަވިއްޖެއްޔާ، ނައްތާލާ އެއްޗެއް ނުވެއް ފެންނާނެ. އެހެންވީމަ އިލެކްޝަންސް ކޮމިޝަނަށް އަނެއްކާވެސް ވަރަށް ބޮޑު ބަދުނާމެއް އެބަ އާދޭ، ވޯޓު ލާން ފޮނުވަ ހުރި ވޯޓު ކަރުދާސްތައް ވޯޓާއެކީގައި ނައްތާލާފިއޭ. ހަމަ މިކަހަލަ ތުހުމަތު ކުރުމުގެ ފުރުސަތުވެސް އެބަ ލިބޭ." ޙަބީބް ވިދާޅުވިއެވެ.
އިންތިޚާބުގައި ބާކީވާ ވޯޓު ކަރުދާހާމެދު ޢަމަލުކުރާނެ ގޮތްތަކެއް ޙަބީބު ހުށައެޅުއްވިއެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕްކުރާއިރު، ކަނުން ކަފާ ލެވޭ ގޮތަށް ހެދުން ނުވަތަ ބާކީވާ ކަރުދާހުގައި ލޯވަޅެއް އެޅުންފަދަ ކަންކަން ކުރެވިދާނެކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް މިކަމާމެދު ޤައުމީ ލަފާދޭ ކޮމިޓީން އަދި ވަކިގޮތެއް ނުނިންމަވައެވެ.
ބާކީވާ ވޯޓު ކަރުދާސްތައް ނައްތާލުމަށް އެދުމުގެ އިތުރަށް، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރީރަޖިސްޓްރީވުން ސުމަކުން ފަށާތީ، ރީރަޖިސްޓްރީ ވާން ބޭނުންވާ ހުރިހާ އެންމެނަށް އެފުރުޞަތު ނުލިބިދާނެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. މި ކަންބޮޑުވުމަށް އެހެން ބައެއް ޕާޓީތަކުންވެސް ތާޢީދުކުރިއެވެ. އެގޮތުން ވެރިކަން ކުރާ މާއި ޕާޓީ އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޕާޓިގެ ޗެއަރޕާސަންގެ ނާއިބު، އިބްރާހިމް ވަހީދު ވިދާޅުވީ ރީރަޖިސްޓްރީ ކުރަން ފެށުމަކީ ކޮންމެހެން ސުމަކުން ފަށަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ކޮންމެހެން ޒީރޯ ވާން ޖެހޭ ކަމެއް ނޫން ކަންނޭނގެ އެއީ މިދޭ ފުރުސަތުގައި. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ބަލާލާއިރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ގޮތަށް ބަލާލާއިރު، މާލޭގައި ޢާއިލާ ގޮވައިގެން އުޅޭ މީހުންނަކީ އަބަދުވެސް މާލޭގައި އުޅޭ ބައެއް. އެހެންވީމަ އެ މީހުންނެއް ކޮންމެ އިންތިޚާބެއްގައި ޒީރޯ ވާކަށް ނުޖެހޭ އަޅުގަނޑު ދެކޭ ގޮތުގައި." އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ރީރަޖިސްޓްރީ ކުރުމާއި ބެހޭ ގޮތުން ޕާޓީތަކުން ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ރާއްޖޭން ބޭރަށް ބައެއް ކޯސްތަކުގައި ދާ ދިވެހިން ޢާންމުކޮށް ދަނީ 3 އަހަރަށް ކަމަށާއި، ވުމާއިއެކު 5 އަހަރު ވާއިރު ރަޖިސްޓްރީ ބަދަލުވެދާނެ ކަމަށް އެކޮމިޝަނަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަން ސުމަކުން ފަށަނީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.