ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްނުވި


އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުން ތަޙުޤީޤުކުރުމަށް މިއަދު ހުށައެޅުއްވި ޤަރާރަކީ، ދައުލަތުގެ މުއައްސަސާތަކުން ތަޙްޤީކުރައްވަމުން ގެންދަވާ މައްސަލައެއްކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަންނަވަން ނިންމަވައިފިއެވެ. މިއަދު މަޖިލީހުގައި ބަހުސްކުރެއްވި މިޤަރާރު، ހުށަހަޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

މި ޤަރާރުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަޙްޤީޤްކުރެއްވުމަށް މަޖިލީހުން މިނިވަން ކޮމިޝަނެއް އެކުލަވާލެއްވުމަށް މެންބަރު ރޮޒައިނާ ހުށައަޅުއްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި އެޖެންޑާކުރައްވާފައި ވަނީ މި ޤަރާރަށް ބަހުސްކުރެއްވުން އެކަނި ކަމަށްވާއިރު، މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވީ ނިޒާމީ ނުކުތާގެ އޮއިވަރެއްގެ ތެރޭގައެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރިއަށް ގެންދަވާފައިވެއެވެ. މި ޚިޔާނާތުގެ މައްސަލައަކީ އަދުގެ ސަރުކާރުން ސާބިތުކަމާއެކު ތަޙްޤީޤްކުރައްވަމުން ގެންދަވާ މައްސަލައެއްކަމަށާއި، މި މައްސަލާގައި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވާފައިވާކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. 

ކިތަންމެ މިނިވަން ކޮމިޝަނަކުން މި މައްސަލަ ބެއްލެވިއަސް އެމްޑީޕީއަށް ބަލައިނުގަނެވޭނެ ކަމަށާއި، މި ޤަރާރަކީ މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމަށް ހުށަހެޅި ގަރާރެއްކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ. އިދިކޮޅު މެންބަރުންގެ އިޚުލާޞްތެރިކަމެއް ހުރިނަމަ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގާފައިވާ ޚިޔާނާތުގެ މައްސަލަތައް ބެއްލެވުމަށް ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން ގޮވާލެއްވިއެވެ.

ނަމަވެސް އިދިކޮޅު މެމްބަރުން ގެންދެވީ ސަރުކާރާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިސްތަށިފުޅުގައި ޚިޔާނާތުގެ ތުހުމަތު އަޅުއްވަމުންނެވެ. ސަރުކަރަށް ތާއީދުކުރައްވާ މެމްބަރުން އެއަށް ރައްދުދެއްވައި ވިދާޅުވަމުން ގެންދެވީ، މި މައްސަލަ ރައީސް ޢަބްދުﷲ ޔާމިންއަށް ތުހުމަތުކުރެވޭނަމަ އެ މައްސަލަ ބެއްލެވުމަށް އެމަނިކުފާނު އިސް ނުނެންގެވީސް ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެން އެމްޑީޕީން ޙިމާޔަތް ކުރަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެންގެވުމަކަށް އޮޑިޓް އޮފީހުން އެކުލަވާލެއްވި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އެ ކުންފުނީގެ ޚިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރައެވެ.