ޚަބަރު

އެމްއައިބީގެ ޚިދުމަތްތައް އިފާސްއާއި ގުޅާލާ، ޚިދުމަތް މުޅި ރާއްޖެއަށް


  • އީފާސްއާއި އެމްއައިބީގެ ޚިދުމަތް ގުޅާލެވުމާއެކު ޚިދުމަތަށް ވާޞިލުނުވެވޭ އެތައް ކަސްޓަމަރުންނަކަށް ޚިދުމަތް ލިބޭނެ

  • އާޓިފިޝަލް އިންޓަލިޖެންސްގެ ޓެކްނޮލޮޖީއާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްއައިބީއިން އިސްކަންދޭ

  • އީފާސް މެދުވެރިކޮށް މިހާރުވެސް ސަރުކާރުގެ މުހިއްމު ޚިދުމަތްތައް އަންނަނީ ދެމުން

ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަހަކީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތެވެ. ޚިދުމަތްތައް ދިނުމުގައިވެސް މިއީ ކުރިމަތިވާ އެންމެ ބޮޑު މައްސަލައެވެ. މިގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ރާއްޖޭގައި މީގެ 12 އަހަރު ކުރިން ދޭން ފެށިނަމަވެސް އަދިވެސް ބޭންކްގެ ޚިދުމަތަށް ވާޞިލު ނުވެވޭ އާބާދީ ބޮޑެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ މުވައްސަސާއެއް ނުވަތަ އިދާރާއެއްގެ ބްރާންޗެއް ހުޅުވާ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަކީ ދަތިކަމެކެވެ. ވިޔަފާރި އުޞޫލުން ކުރާކަންކަމުގައި އެކަމަށް އެކަށީގެންވާ އެތައް ކަމަކަށް ބަލަންޖެހެއެވެ. 2011 ވަނަ އަހަރު ޚިދުމަތް ފެށިނަމަވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަކަށް ނުލިބެއެވެ.

ބޭންކްގެ ބްރާންޗެއް އެރަށެއްގައި ނެތްނަމަ ބޭންކާއި ގުޅުންހުރި ޚިދުމަތްތައް އެރަށްރަށުން ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން އެކައުންޓް ހުޅުވުމަށް ގިނަ ބަޔަކު ބޭންކްގެ މައި އިދާރާ ނުވަތަ ބްރާންޗްތައް ޤާއިމުކޮށްފައިވާ އަތޮޅުތަކުގެ 5 ސަރަޙައްދަށް ދަތުރެއް ކުރަންޖެހެއެވެ. މިއީ ވިޔަފާރި އުޞޫލުންވެސް އަދި ޢާއްމު ޚިދުމަތަށް ބަލާއިރުވެސް ޙައްލެއް ނޫނެވެ.

ކުރިއަރަމުން އަންނަ ކޯޕަރޭޓް ދުނިޔޭގައި ޚިދުމަތްދޭ ގޮތާއި ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. މިއާއެކު ރާއްޖޭގެ އެކަހެރިވެފައިވާ ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ޚިދުމަތްތައް އަންނަނީ ވާޞިލުވަމުންނެވެ. މިފަދަ އެއް ބަދަލު އިސްލާމިކް ބޭންކުންވަނީ މިހާރު ގެނެސްފައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް، އީފާސް މެދުވެރިކޮށް ބޭންކް އެކައުންޓް ހުޅުވާ ކާޑަށް އެދުމުގެ މަގު މިހާރު ބޭންކުންވަނީ އެން.ސީ.އައި.ޓީއާއި ގުޅިގެން ފަހިކޮށްފައެވެ.

ދުނިޔެއާއި ރާއްޖޭގެ މާލީ ނިޒާމު ޑިޖިޓަލް ނިޒާމަކަށް ބަރޯސާވެފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ބޭންކް އެކައުންޓް ހުޅުވުމުގެ މަގު ފަހިވެގެންދިޔުމަކީ ބޭންކިންގެ މުޅި ނިޒާމަށް ގެނެވުނު އިންޤިލާބީ ބަދަލެއްކަމަށް ބޭންކުން ދެކެއެވެ.

އީފާސް މެދުވެރިކޮށް ފަހިވެގެން މިދިޔަ ފުރުޞަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ، އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު ޝަރީފް ވިދާޅުވީ، އީފާސްއާއި އެމްއައިބީގެ ޚިދުމަތް ގުޅާލެވުމާއެކު މީގެކުރިން ޚިދުމަތަށް ވާޞިލުނުވެވޭ އެތައް ކަސްޓަމަރުންނަކަށް މިހާރު ބެންކްގެ ޚިދުމަތްތައް ލިބިގެންދާނެކަމަށެވެ.

"މިއީ ކުރިން ލިބުނު ޚިދުމަތްތަކުގެ ބަދަލުގައި އައި ޚިދުމަތެއް ނޫން. މިއީ ކުރިން ދެމުން އައި ޚިދުމަތުގެ ތެރެއަށް އިތުރުވީކަމެއް. މިއީ އިތުރު ދޮރުތަކެއް ހުޅުވާލެވެނީ، އަދި އެދޮރުތަކުގެ ރައްކާތެރިކަން މީގެ ސަބަބުން ކަށަވަރުވެގެން އެބަދޭ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.


މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއައިބީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓަލިޖެންސްގެ ޓެކްނޮލޮޖީއާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބެންކުން އިސްކަންދޭކަމަށެވެ. މިގޮތުން އީފާސް ޚިދުމަތާއި ގުޅާލެވުމުން އޮޅުވާލުމާއި މަކަރު ހެދުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވާނެކަމަށް ރިޒާ ވިދާޅުވިއެވެ.

"ކައުންޓަރުގައި އިންނަ ކުއްޖާއަށް އޮޅުވާލެވުނަސް، އޭއައިއަކަށް އޮޅުވާނުލެވޭނެ. އައިޑީކާޑުގައި އިންނަ މީހާއާއި މަޢުލޫމާތު ފޯރުކޮށްދޭ މީހާގެ ފޭސް ރިކޮގްނިޝަންއިން އެބަ ކަށަވަރުކޮށްދޭ ޚިދުމަތަށް އެދެނީ ކާޑުގެ ވެރިފަރާތްކަން" ރިޒާ ވިދާޅުވިއެވެ.

މި ޚިދުމަތާއެކު، އީފާސް މެދުވެރިކޮށް "އެމްއައިބީ އެޕްލައި ނައު ޕޯޓަލް" އިން އެކައުންޓް ހުޅުވޭނެކަމަށް އެމްއައިބީއިން ބުނެއެވެ. އަދި އެކައުންޓެއް ހުޅުވަން އެދުމުން ބޭންކުން ޚިދުމަތަށް އެދޭ މީހާ ކަށަވަރުކުރުމަށް ވީޑިއޯ ވެރިފިކޭޝަންއެއް ހެދުމަށްފަހު އެކައުންޓް ހުޅުވައިދޭނެކަމަށް އެބޭންކުން ބުނެއެވެ. އަދި ހަމަ އެފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަށް އެދުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް އެމްއައިބީއިން ބުނެއެވެ.

އީފާސް މެދުވެރިކޮށް މިހާރުވެސް ސަރުކާރުގެ މުހިއްމު ޚިދުމަތްތައް އަންނަނީ ދެމުންނެވެ. މިގޮތުން އީފާސްއާއި ގުޅާލެވިފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޖޮބްސެންޓަރާއި، އެސްޑީއެފްސީގެ ޚިދުމަތްތައް ހިމެނެއެވެ.