ޚަބަރު

މިނިވަން ދުވަހާއި ގުޅުވައިގެން "މިނިވަން އުފާ"ގެ ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް


  • 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވިދާނެ

  • ތީމަކީ "މިނިވަން އުފާ"

  • ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ހުށަހެޅެނީ 3 ފޮޓޯ

  • އެއްވަނަ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް

  • ސުންގަޑިއަކީ ޖުލައި 15

  • މިއީ ހޯމް މިނިސްޓްރީއާއި ޔުނައިޓެޑް ފޮޓޯގްރާފަރސް އެސޯސިިއޭޝަން ގުޅިގެން ބާއްވާ މުބާރާތެއް

މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއް މިނިސްޓްރީ އޮފް ހޯމްއެއާޒް އާއި ޔުނައިޓެޑް ފޮޓޯގްރާފަރސް އެސޯސިިއޭޝަނުން ގުޅިގެން ހުޅުވައިލާފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މި މުބާރާތުގެ މަޤުޞަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުންކަމަށެވެ. އަދި މިނިވަންކަމުގެ މުހިންމުކަމާއި، ޤައުމީ ގޮތުން ފާހަގަކުރެވޭ، މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީވެސް މި މުބާރުތުގެ މަޤްޞަދެއްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ވަނީ ހުޅުވާލާފައެވެ. އަދި މި މުބާރާތުގައި ފޮޓޯ ހުށަހަޅަން ޖެހޭނީ "މިނިވަން އުފާ" މި ތީމާއި ގުޅުވައިގެންނެވެ.

މި ތީމާގުޅުވާ މައިގަނޑު 4 ދާއިރާއަކުން ފޮޓޯ ހުށަހެޅިދާނެއެވެ. އަދި މި ދާއިރާތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމުގެ ރޫޙު ރަމްޒުކޮށްދޭން އަލިއަޅުވާލެވިފައިވާ ދާއިރާތަކުން ރާއްޖޭގެ ތަފާތު ކަންކަމާއި ރީތިކަން ދައްކުވައިދޭ ފޮޓޯތައް ބައިވެރިންނަށް ހުށަހެޅިދާނެއެވެ.

މުބާރާތުގައި ފޮޓޯ ހުށަހެޅޭނެ ދާއިރާތައް:

• ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން
• ދިވެހިރާއްޖޭގެ ތާރީޚު
• ދިވެހިންގެ އާދަކާދަ އާއި ސަޤާފަތް
• ދިވެހި މުޖުތަމަޢުގެ މިނިވަންކަމާއި އުފާފާގަތިކަން

މި މުބާރާތަށް މިއަދުން ފެށިގެންވެސް ފޮޓޯ ހުށަހެޅޭނެއެވެ. އަދި މިއަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން 3 ފޮޓޯ ހުށަހެޅިދާނެއެވެ.

ފޮޓޯ ނެގުމުގެ މި މުބާރާތުގައި، 1 ވަނައަށް ދާ ފޮޓޯއެއް ހުށަހަޅާ ފަރާތަކަށް -/15000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި 2 ވަަނައަށް ދާ ފަރާތަކަށް، -/7000 ރުފިޔާ، 3 ވަނައަށް ދާ ފަރާތަކަށް -/3000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިން ކަނޑައަޅާއި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތައް ބައިވެރިން ހުށަހަޅާ ފޮޓޯތަކަށް އިންސާފުކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި މައުޟޫޢާއި ހުރި ގުޅުން ހުރި މިންވަރާއި، އެކުލަވައިލުން، ފަންނުވެރިކަމާއި ފުރިހަމަކަން، ފޮޓޯ ކޮލެޓީއާއި ޓެކްނިކަލް ފަންނުވެރިކަން އަދި އުފެއްދުންތެރިކަމާއި އޮރިޖިނަލިޓީ ހިމެނެއެވެ.