މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ގެންނަ 3 ބޯޓު އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް 4 ބޯޓު ގެނައުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާއިރު މީގެތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަނެއް 3 ބޯޓުވެސް ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުންޏެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއޢީލް ފައުޒީ ވިދާޅުވީ، އެ ކުންފުނިން މިހާރު މަސްކިރުމަށް ބޭނުންކުރާ ކުދި ކަލެކްޓަރ ވެސަލްތަކަކީ އާރުއެސްޑަބްލިއު ސިސްޓަމް ހުރި އުޅަނދުތަކެއް ކަމަށެވެ. އާރުއެސްޑަބްލިއު ސިސްޓަމްގެ އުލަނދުތަކުގައި މަސް ފިނިކުރުމުން މަހުގެ ކޮލިޓީއަށް އަސަރުކުރާކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަލަށް ގެންނަ 3 ބޯޓު ވެގެންދާނީ މިކަމަށް ހައްލެއް ލިބިގެންދާނެ ބޯޓުތަކަކަށްކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އަލަށް ގެންނަ ބޯޓުތަކުގައި ކޮންމެ ބޯޓެއްގައި 60 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ އުޅަނދުތަކެއްކަމަށް އިސްމާޢީލް ވިދާޅުވިއެވެ. މިއީ މަހުގެ ކޮލިޓީ ހިފަހައްޓާނެ ނިޒާމެއްކަން ފާހަގަކުރައްމުން އިސްމާޢީލް ވިދާޅުވީ، މި ބޯޓުފަހަރު ރާއްޖެ ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
"އަޅުގަނޑުމެން މި ނިންމީ ކޮންމެ ބޯޓެއްގައި 60 ވަރަކަށް ޓަނުގެ ބްރައިން ފްރީޒިން ޤާއިމްކުރަން. މާނައަކީ ދޯނިފަހަރަށް މަސް ކިރާފައި ގެންގޮސް ސްޓޯރަށޭ ދެން ލާނީ. އިތުރަށް އަޅުގަނޑުމެން ފްރީޒް ކުރަން ލޭންޑް ބޭސްޑް އޮޕަރޭޝަނަކަށް ނުޖެހޭނެއޭ. ކޮންމެ ބޯޓެއްގައި 60 ޓަނު އޭގެ މާނައަކީ އިތުރަށް މިހާރު މަސްވެރިން ބޭނުންވާ އިތުރު ބަދަލުތައް ކަވަރ ކުރަން އަޅުގަނޑުމެންނަށް އިތުރު 3 ބޯޓު އިރާދަކުރެއްވިއްޔާ މިލިބެނީ. އޮގަސްޓް ނިމޭ ހިސާބުގައި ބޯޓުފަހަރު އަޅުގަނޑުމެން ގެންނާނަން." އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ.
މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯއިން ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ގެނައި "ޖަޒީރާ 103" ބޯޓަށް މަސްކިރަން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި ބޯޓު ބޭނުންކުރަނީ ހުވަދު އަތޮޅުގައެވެ.
މި ބޯޓަކީ ދުވާލެއްގެ މައްޗަށް 120 ޓަނުގެ މަސް ކިރުވުމުގެ ކެޕޭސިޓީ ހުރި ބޯޓެކެވެ. އަނެއް 3 ބޯޓު ގެނައުމާއިއެކު މަސް ކިރުވުމުގައި މިފްކޯއަށް ދިމާވެފައިވާ ދަތިތައް އަދި މަސްވެރިންގެ ކަންބޮޑުވުމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިފްކޯއިން ބުންޏެވެ.