ސިޔާސީ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފައްދަވަނީ


ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ދެއްވުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މަޖިލީހެއް އުފެއްދެވުމަށް ހުށައަޅުއްވާފައިވާ އިޞްލާޙަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތާޢީދު ކުރައްވައިފިއެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު، ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގަނެ ވަނީ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިއެވެ.



ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާގުޅޭ ދީނީ ލަފާދިނުމަށްޓަކައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ނަމުގައި މަޖިލީހެއް އުފައްދަވަންވާނެކަމަށެވެ. މިޤާނޫނުގެ ދަށުން އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކުރައްވަން ވާނެކަމަށާއި، އެ އޮފީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގޭ ދައުލަތުގެ ވަކި އިދާރާއެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.



އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބައެއް މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށްއެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބިދިނުން ހިމެނެއެވެ. އަދި ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ދީނީ މައުޟޫތަކަށް ދިރާސާކޮށް ލިޔެފައިވާ ލިއުންތައް ހިމަނައިގެން މަޖައްލާއެއް ނެރުންވެސް ހިމެނެއެވެ. އިޞްލާޙަށް ތާއީދުކުރެއްވި މެމްބަރުން ވިދާޅުވީ، ދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ސިޔާސީ މަޤްޞަދު ހާސިލްކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށެވެ.



ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް ހުށައަޅުއްވާފައިވާ މިއިޞްލާޙުގައިވާގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ މިނިސްޓަރ އައްޔަންކުރައްވާ މެމްބަރަކާއި، ޝަރުޢީކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތިން ޢައްޔަންކުރައްވާ މެމްބަރަކާއި، އިސްލާމިކް ޔުނިވަރސިޓީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޢައްޔަންކުރާ މެމްބަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުނެންވެ.