މިއަހަރުގެ މިހާތަނަށް ދައުލަތަށް 14.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ 14.5 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.8 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 32.8 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައިވާ 14.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 11.07 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހިމެނޭ 3.2 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 191 މިލިއަން ރުފިޔާއެވެ.
މިމަހުގެ މިހާތަނަށް ދައުލަތަށް 14.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ މުއްދަތުގައި ހަރަދުތައް އުޅެނީ 20.6 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ހުރީ 17.6 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
ހަރަދުތައް ބެހެނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ ދައުލަތް ހިންގުމަށް ހިނގާ ރިކަރަންޓް ހަރަދާއި ތަރައްޤީގެ މަސައްކަތްތަކަށް ހިނގާ ކެޕިޓަލް ހަރަދެވެ. ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދަށް ޖުމްލަ 15.9 ބިލިއަން ހަރަދުވެފައިވާއިރު، އޭގެތެރެއިން 11.5 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 4.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ދައުލަަތަށް ލިބުނު އާމްދަނީއަށް ކުރިއެރުންތަކެއް އައިސްފައިވާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޓެކްސް ރޭޓްތަކަށް ގެނެސްފައިވާ ބަދަލާއެކުވެސް ދައުލަތަށް ލިބޭ އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުންތަކެއް ލިބިފައެވެ.