ވިޔަފާރި

އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓް އަންނަނީ އިތުރުވަމުން، ރާއްޖެއަށް ފައިދާ ނެގިދާނެ: އަމީރު


މުޅި ދުނިޔޭގައިވެސް އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނައިރު މިއީ ރާއްޖެއިން ފައިދާ ނެގިދާނެ ދަނޑިވަޅެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކު ގުޅިގެން ބޭއްވި ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް 2023"ގައި ވާހަކަފުޅު ދައްކަވަމުންންނެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރިކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ތެލަށާއި، ކަރަންޓް ސަބްސިޑީއަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރާއްޖެއިން ތެލަށް ކުރާ ޚަރަދުކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަން ފާހަގަކުރައްވައިފައެވެ.

އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީއިން ބުނާގޮތުން ދުނިޔޭގައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރާ ޢަދަދު ތެލަށް ކުރާ އިންވެސްޓްމަންޓަތަކަށްވުރެ ފުރަތަމަ ފަހަރު މިއަހަރު އިތުރުވެގެންދާނެކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. މި ދާއިރާގެ ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި މިއަހަރު ދުވާލެއްގެ މައްޗަށް 1 ބިލިއަން އިންވެސްޓްމަންޓް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރާނެއެވެ. އެހެންކަމުން މިއީ ރާއްޖެއިން މިކަމުގެ ސަބަބުން ފައިދާ ނެގިދާނެ ދަނޑިވަޅެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އިއާދަކުރަނިވި ހަކަތައަށް ދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާގެ އިތުރުން ގިނަ ފައިދާތަކެއް ކުރޭ. މީގެ ސަބަބުން ކަރަންޓުގެ އަގު ހެޔޮވޭ. އިޤްތިސާދަށްވެސް ހެޔޮ ބަދަލުތަކެއް އާދޭ. ގިނަ ވަޒީފާ އުފެދި، އެހެނިހެން ސިނާއަތްތަކަށްވެސް ކުރިއެރުން ލިބޭ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރިނިއުބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވާފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމަށް ބޭއްވި ކޮންފަރެންސެކެވެ. ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށްވުމަށް ގެންގުޅޭ ތަޞައްވުރާއި، ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މިކޮންފަރެންސްގައި ވަނީ އިންވެސްޓަރުންނަށް ދީފައެވެ.

މިކޮންފަރެންސްގައި ޖުމްލަ 141 އިންވެސްޓަރުން ބައިވެރިވުމަށް ރަޖިސްޓްރީވެއެވެ. އޭގެތެރެއިން 67 އިންވެސްޓަރުން ކޮންފަރެންސްގައި ބައިވެރިވެފައިވަނީ ވާރޗުއަލްކޮށެވެ.