ޚަބަރު

އީވީ ބަސްތައް ޗާޖުކުރާނެ ސްޓޭޝަން މާލޭގައި ޤާއިމްކޮށްފި


ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ޤާއިމްކޮށްފިއެވެ. މިޗާޖިން ސްޓޭޝަންތައް ޤާއިމްކޮށްފައިވަނީ، ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.

މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ޤާއިމްކުރެއްވި ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ, މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއާއި، ޔޫއެންީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މާލޭގައި ޤާއިމްކުރެއްވި އީވީ ބަސް ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ، މިއީ ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ޙާޞިލުކުރުމުގައި ކާމިޔާބުވި މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. އަދި ތިމާވެއްޓައި ރައްޓެހި ދެމެހެއްޓެނިވި މަސައްކަތްތަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

"ދަތުރުފަތުރުގެ ދާއިރާއަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުން މުހިންމު. މިލަނޑުދަނޑިއަށް މަސައްކަތްކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއެކު. އެހެންކަމުން މިއަދު މި ކުރެވުނު މަސައްކަތަކީ އޭގެ މުހިންމު އެއް މަސައްކަތް. އެކަމަށްޓަކައި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްފަހު، ތިމާވެއްޓާއި ރައްޓެހި ބަހުގައި މާލޭގައި ދަތުރުކުރައްވާފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުން އަންނަ މިނީ ބަހުގެ ޚިދމަތުގެ ތެރެއިން ވިލިމާލޭގައި ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޮނިކް ވެހިކަލް، (އީވީ) ބަސްތައް ބޭނުންކޮށްގެންނެވެ.