ސޫރިޔާގައި ތަންފީޒު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ދިމިޝްގުގެ ކައިރީގައިވާ ހަނގުރާމައިގެ މައިދާންތަކަށް ހިމޭންކަން އައިސްފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ދިމިޝްގުގެ ކައިރީގައި ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން ޙަމަލާތައް ބަދަލުކުރަމުން ގެންދާ ހަނގުރާމައިގެ ފްރަންޓް ލައިން ބަދަލުކޮށް ދެފަރާތުން ބަދަލުކުރަމުން ގެންދާ ޙަމަލާތައް ފާއިތުވެ ދިޔަ ހަފްތާއިން ފެށިގެންވަނީ ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ.
ދިމިޝްގުގެ ކައިރީގައި، ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން އެންމެ ބޮޑަށް ޙަމަލާތައް ބަދަލުކުރަމުން ގެންދާ އެއްސަރަހައްދަކީ "އަލްވާފިދީން" ވިލެޖެވެ. މިއީ މިތަން އޮންނަ ތަނުގެ ގޮތުން ސްޓްރެޓީޖިކް ވިލެޖަކަށްވާތީ ދެފަރާތުގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވަމުންދާ ސަރަހައްދުތަކުގެ ތެރޭގައި މިތަން ހިމެނެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި ތަންފީޒުކުރަންފެށި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މި ވެލެޖަށްވެސް ވަނީ ހިމޭންކަން އައިސްފައި ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތެއްކަމަށްވާ އަހްމަދު ޢަތިއްޔާ ސާލިޙް ބުނީ މީގެ ހަފްތާއެއްގެ ކުރިން އަލްވާފިދީން އަކީ ބިރުވެރިތަނެއް ކަމަށާ ދެފަރާތުގެ ޙަމަލާތަކުގެ އަޑު ދުވާލާއި ރޭގަނޑުވެސް އެވިލެޖުން ކަނޑައިގެން ނުދާކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު އެ ވިލެޖް އަމާންވެ އެ ސަރަޙައްދު ހުރަސްކޮށް ހިނގައި ބިނގައިވެ އުޅުމަކީ މިހާރު ކުރެވޭ ކަމެއް ކަމަށެވެ.
"މީގެ ހަފްތާއެއް ކުރިން އެތަނުގެ ޙާލަތުއޮތީ ވަރަށް ބިރުވެރި ގޮތެއްގައި، މޯޓަރު ބަޑީގެ އަޑާއި އުންޑަތަކުގެ އަޑާހެދި އަހަރެމެންނަށް ނިދޭވަރުވެސް ނުވޭ، ނަމަވެސް މިހާރު މޯޓަރު ބަޑީގެ ޙަމަލާތަކެއްނެތް، މިހަފްތާގައި އެތަން ވަރަށް އަމާން، މިނިވަންކަމާއެކު ބޭރަށްނުކުމެ ހިތްހަމަޖައްސާލައި އަދި އަމާންކަމާއެކު ބާޒާރަށް ދިޔުމުގެ ފުރްސަތު މިހާރު އަހަރެމެންނަށް ލިބޭ."
ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 27 ގައެވެ. މިއެއްބަސްވުމާއެކު ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް އެއްކޮށް ހުއްޓާލާފައިނުވިނަމަވެސް ޙަމަލާތައް ބަދަލުކުރަމުންގެންދާ މިންވަރު ގާތްގަނޑަކަށް 70 އިންސައްތަ މަދުވެފައިވާކަން ސޫރިޔާގެ އެކިކަންކޮޅުތަކުގެ ރައްޔިތުން ފާހަގަކުރެއެވެ. މިދަނޑިވަޅުގެ ބޭނުންކޮށްގެން އދ. ން ގެންދަނީ ދެކަމެއް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ކަމަކީ ހަނގުރާމައިގެ ސަބަބުން ދިގުމުއްދަތަކަށް ޙިސާރުކުރެވި ކާބޯތަކެތިން މަހްރޫމް ކުރެވިފައިވާ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ދިނުމެވެ. މިކަމުގައި އދ. ގެ އެކިއެކި އެޖެންސީތަކާއި އެހީދޭ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ދެވަނަ ކަމަކީ ސޫރިޔާގެ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެމެދު ސުލްޙައިގެ ވާހަކަތަށް އަލުން ފެށުމެވެ. މިކަމަށް އދ. ން މަސައްކަތް ކުރަމުން ގެންދިޔަނަމަވެސް ސުލްޙައިގެ ވާހަކަތަކަށް ޙާޒިރުވާނެކަން ނުވަތަ ނޫންކަން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކަށަވަރު ކޮށްދީފައިނުވާތީ މިކަމުގައި އދ. އަށް މާބޮޑެތި ކާމިޔާބީތަކެއް އަދި ލިބިފައެއް ނުވެއެވެ.