ޚަބަރު

ޚިޔާނާތުގެ ތަޙުޤީޤަށް ބޭންކުން ހެކިހޯދީ ޤާނޫނާ އެއްގޮތަށް: ދައުލަތް


ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން، ފުލުހުން ބޭންކު އެކައުންޓް ސްޓޭޓްމަންޓްތަކާއި ޓްރާސްސެކްޝަންތައް ހޯދާފައިވަނީ ބޭންކިން ޤާނޫނާ އެއްގޮތަށް ކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.

މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ވަނީ ބޭންކިން ސްޓޭޓްމަންޓްތައް ބަލައިނުގަތުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ނުކުތާތަކަށް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވައި، ބާކީހުރި ނުކުތާތައް ހުށަހެޅުއްވުމަށް ވެސް ފުރުޞަތު ދެއްވާފައެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ފަރާތުން ބޭންކު އެކައުންޓް ސްޓޭޓްމަންޓްތަކާއި ޓްރާސްސެކްޝަންތައް ފުލުހުން ހޯދާފައިވާ ގޮތުން މުޅި އިޤްތިޞާދަށް އޭގެ އަސަރު ކުރާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބޭންކިން މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ބޭންކުން މަޢުލޫމާތެއް ހޯދާނަމަ އެ މަޢުލޫމާތެއް ހޯދޭނެގޮތް ވެސް ޤާނޫނުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ. ދައުލަތުން މިކަމުގައި ޢަމަލުކުރައްވައިފައިވާ ގޮތުން ފެނިގެންދަނީ ސީދާ އެމަނިކުފާނު ފަޟީޙަތް ކުރެއްވުމަށް ކުރައްވާފައިވާ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ހެކިތައް ބޭންކު ތެރެއިން ހޯއްދަވައިފައިވަނީ ބޭންކިން ޤާނޫނުގެ ތެރެއިން ކަމަށެވެ. އެގޮތުން ޤާނޫނުގައި ބޭންކުން ހެކިހޯދާނެ ތިން ޙާލަތެއްވާ ކަމަށެވެ. އޭގެތެރޭގައި ކޯޓު ޢަމުރެއް ހޯދައިގެން ނުވަތަ ޕީޖީގެ ލިޔުމުން އެދިގެން ނޫނީ ތަޙުޤީޤު އިދާރާއަކުން ލިޔުމުން އެދިގެން ނޫނީ ބޭންކު އެކައުންޓްތަކުގެ މަޢުލޫމާތު ނުދެވޭނެ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް އިއުތިރާޒުކުރައްވައި ރައީސް ޔާމީނާއި، މިމައްސަލާގައި ދެން ހިމެނޭ ކުރިކް ރިޒާގެ ފަރާތްޕުޅުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަންގެ ހެކިތައް ފިޔަވައި ދައުލަތުން ހުށަހެޅި އެހެން ހެކިތައް ބަލައިނުގަތުމަށް ވަނީ ހުށަހަޅުއްވައިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މައްސަލައިގެ ދެން އޮންނަ އަޑު އެހުމުގައި ހުށަހެޅުންތަކަށް ވާހަކަ ދެއްކެވުމަށެވެ.