ފެނަކައިގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފެނަކައިން ފަށާފައިވަނީ ގއ. މާމެންދޫގައެވެ.
ފ. ބިލެއްދޫ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ހަކަތައިގެ ދާއިރާއަށް ކުރާ ހޭދަކުޑަކޮށް، އެދާއިރާއަކީ ޒަމާނާ އެއްގޮތަށް ތަރައްޤީވަމުންދާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން ފެނަކައިގެ ޚިދުމަތްތަކަކީ، ޒަމާނާއި އެއްގޮތަށް ޑިޖިޓަލް ކުރެވިފައިވާ ޚިދުމަތަކަށް ހެދުމަށް ސްމާޓް މީޓަރ ހަރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެ ދަށުން އެންމެ ފުރަތަމަ ގއ. މާމެންދޫގައި މަސައްކަތް ފެށިނަމަވެސް، މިހާރު އަތޮޅުތަކުގެ ގިނަ ރަށްރަށުގައި މި މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ސަޢީދު ވިދާޅުވިއެވެ. މިއާއެކު ކަރަންޓަށް ކުރާ ހޭދަ ކޮންމެ ގޭބިސީއަކަށްވެސް ފޯނުން ބަލާލެވޭނެކަމަށާއި، އެއާއެކު ޚަރަދު ހަމަޖެއްސުމުގައި ލިބޭ ފަސޭހައަކަށް ވެގެންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ.
"ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުގެ ދަށުން، ސްމާޓްމީޓަރ ހަރުކުރުމުގެ މަސައްކަތް ގއ.މާމެންދޫގައި އަޅުގަނޑުމެން ފެށީ. އޭގެ މަހެއްފަހުން ރައްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް ވަނީ ފަށާފައި. ދ. އަތޮޅުގެ ގާތްގަނޑަކަށް 90 އިންސައްތައިގައި ވަނީ މީޓަރު ހަރުކުރެވިފައި. ނަތީޖާއަކީ ރީޑިންގ ނަގަން ފެނަކަ ސްޓާފުން އައްވާއި ވާރޭގައި ދާން ނުޖެހުން. އަމިއްލައަށް ކަރަންޓު ބޭނުންކުރެވޭ ވަރާއި ޚަރަދު ކުރެވޭ މިންވަރު ބަލާ ގޭގެ ޚަރަދު ބަރަދު ހަމަޖެއްސުން" ސަޢީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ފ. ބިލެއްދޫގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައިފައިވާ އައު އިންޖީނުގެ އާއި ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އިންޖީނުގެ ތަރައްޤީކުރައްވައިފައިވަނީ 2200 އަކަފޫޓްގެ ސަރަޙައްދެއްގައެވެ. އަދި އޮފީސް ޢިމާރާތް ތަރައްޤީކުރައްވައިފައިވަނީ 1600 އަކަފޫޓުގެ ބިމެއްގައެވެ.
ބިލެއްދޫގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ގެ ތެރޭގައެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ގެންދިޔަ 3 ކިލޯވޮޓް އަދި 5 ކިލޯވޮޓްގެ ޖަނެރޭޓަރު ސެޓުތަކުގައި ވެސް އެތައް އަހަރެއްވަންދެން އެރަށުގައި ވަނީ ކަރަންޓުގެ ޚިދުމަތް ދީފައެވެ. އޭގެ 25 އަހަރު ފަހުން ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ޢިމާރާތެއް ވަނީ ތަރައްޤީކޮށްފައެވެ.
ރަށުގެ އާބާދީ އާއި އިތުރުވަމުންދިޔަ ކަރަންޓު ކެޕޭސިޓީއާއެކު ޖާގައިގެ ދަތިކަން ވަނީ ބިލެއްދޫގައި ބޮޑުވެފައެވެ. އައު އިންޖީނުގެއާއެކު މިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ފަނަކައިން ބުނެއެވެ. ބިލެއްދޫގައި މިވަގުތު ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރަމުން އަންނަނީ 1200 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެކެވެ. ސްކޫލް ކައިރީގައި މީގެކުރިން ހުރި އިންޖީނުގެ މިހާރު ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުން ރަށުގެ ބަނދަރު ސަރަޙައްދުގައި ޤާއިމުކޮށްފައެވެ.