އާބާދީ މަދު ރަށްރަށަކީ އަސާސީ ޚިދުމަތް ފޯރުކޮށްދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ކުރީގެ ސަރުކާރުތަކުން ޤަބޫލުކުރިނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހެއްގެ ފިކުރެއް ބެލުމެއް ނެތި އަސާސީ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފ. ދަރަބޫނދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފ. ދަރަނބޫދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމުގައި މީގެ ކުރިން ސަރުކާރުތަކުން ގެންގުޅެމުން އައި ސިޔާސަތަކީ، ސަރުކާރުގެ އިސް މަޤާމެއްގައި އެރަށެއްގެ މީހަކު ހުރުންކަމަށެވެ.
ރަށްރަށަށް ކަންކަން ކޮށްދިނުމުގައި މީގެ ކުރީ ސަރުކާރުތަކުން ދެން ގެންގުޅުނު ސިޔާސަތަކީ އެ ދާއިރާގެ މެންބަރު ސަރުކާރަށް ނިސްބަތްވުން ނުވަތަ އެ ސަރުކާރުގައި އޮންނަ ޕާޓީއަށް ތާޢީދުކުރާ މެންބަރުން އެރަށެއްގައި ތިބުންކަމަށެވެ. އެނޫން ޙާލަތެއްގައި އެރަށެއް ތަރައްޤީން ބާކީވާކަމަށާއި، އެފަދަ އެތައް ރަށެއް ރާއްޖޭގައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދަރަނބޫދޫއަކީ އާބާދި މަދު ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ އާބާދީ މަދު ރަށްރަށަކީ އަސާސީ ޚިދުމަތް ފޯރުކޮށްދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ކުރީގެ ސަރުކާރުތަކުން ޤަބޫލުކުރާކަމަށެވެ. ނަމަވެސް ރައްޔިތުން ސަރުކާރެއް ހޮވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމަށްކަމަށާއި، އަބަދުވެސް މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މިހެއްގެ ފިކުރެއް ބެލުމެއް ނެތި އަސާސީ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ރަށަކަށްވެސް އަސާސީ ޚިދުމަތް ތަފާތުކުރުމެއް ނެތި ފޯރުކޮށްދެމުންދާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ދަރަނބޫދޫއަށްވެސް ވަޢުދުވީ ކަންކަމަށް ގެންގުޅުނީ އެ ވިސްނުން. މިދާއިރާގެ މެންބަރަކީ މީގެ ކުރިން އެމްޑީޕީއަށް ތާޢީދުކުރާ މެންބަރެއް ނޫން. މި ދާއިރާގެ ބޮޑު ބަޔަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ނޫން. ނަމަވެސް ކުރިން ބުނގިޮތަށް ކަންކަން ނުކޮށް ދޫކޮށްލީއެއް ނޫން. އެއީ ސަރުކާރަކުން ކަންކުރަންވީ ގޮތެއްނޫން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދަރަނބޫދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެގޮތުން ފެނާ ނަރުދަމާ ޤާއިމްކުރުމާއި، ސިއްޙީ ޚިދުމަތް ތަރައްޤީކޮށް ދަތުރުފަތުރުގެ ޤައުމީ ނިޒާމުން ހުޅުވާލަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ ދައުރަށް ބޭނުންވާ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން ރަށަށް ބޭނުންވާ ކަންކަން ރައީސްއަށް ހުށައެޅުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ މި ހިނގަމުންދާ ފަސް އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރަކީވެސް ވަޢުދުތައް ފުއްދަވާނެ ފަސް އަހަރަށް ވެގެންދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ހަމަޖެހުމެއް ނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރަށް ޚިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ދިއުން ނޫންގޮތެއް ނޯންނާނެކަމަށާއި، އެގޮތުން އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ ހަމަޖެހުން ގެނައުމާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.
"ތަފާތު ޚިޔާލުގެ މީހުން އުޅޭނޭ. އެ ވިސްނުމާ ޚިޔާލްތަފާތުވުމާއެކު ކުރިއަށް ދިއުން ނޫންގޮތެއް ސަރުކާރަށް ނެތް. އެ ޖާގަ ދޭންވާނެ. ނަމަވެސް ސަރުކާރުން މަސައްކަތްކުރަންވާނީ އެ ޚިޔާލު ތަފާތުކުރުންތަކާއެކު އަސާސީ ޚދުމަތްތައް ފޯރުކޮށްދިނުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިންސާނީ ވަސީލަތް ބިނާކުރުމަކިީވެސް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވާ ދަރަނބޫދޫގެ 36 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށޫން މަތީ ތަޢުލީމް ޙާސިލްކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލާއެކު ރަށްރަށް ކުރިއަރައިގެންދާނީ ތަޢުލީމީ ޒުވާނުން ބިނާކޮށްގެންކަމަށެވެ. އެކަން ސަރުކާރުން ފުއްދަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.