ޚަބަރު

އާރްޑީސީގެ ތާރުއަޅާ ޕްލާންޓް ބަހައްޓައިފި


ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ތާރުއަޅާ ފުރަތަމަ ޕްލާންޓް ބަހައްޓައިފިއެވެ. މިޕްލާންޓް ބަހައްޓާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

އާރްޑީސީން މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑު މަސައްކަތަކީ، މާލޭގެ އަމީނިމަގު ތަރައްޤީކުރުމުގެ މަސައްކަތެވެ. ފުރަތަމަ 3 ސެގްމަންޓްގެ މަސައްކަތް ނިންމައި، އިތުރު 4 ސެގްމަންޓްގައި ތާރުއެޅުމުގެ މަސައްކަތަށް ވަނީ ތައްޔާރުވެފައެވެ.

އަމީނީމަގުގެ ފުރަތަމަ 3 ސެގްމަންޓް ތާރު ފިޔަފައި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. ނަމަވެސް ކުންފުނީގެ ވަޞީލަތްތައް ހުރިގޮތުން، މަސައްކަތް އަވަސްކުރުމަށް އެބައިގައި ތާރު އަޅާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ އެހީތެރިކަމާ އެކުއެވެ.

ނަމަވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު މިވަނީ އެ ކުންފުނިން ގެނައި ތާރުއަޅާ ޕްލާންޓް ބަހައްޓައިފައެވެ. މިޕްލާންޓް ބެހެއްޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުގައެވެ. އާރްޑީސީގެ ސީނީއަރ އޮފިސަރ ޕްރޮޖެކްޓްސް މުޙައްމަދު އިމްރާން ޝަރީފް ވިދާޅުވީ، ތާރު މެޝިންތައް އިންސްޓޯލްކޮށް ޓެސްޓިން މަރުޙަލާވެސް މިހާރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މިހާރު ތައްޔާރީތައް މިވަނީ އަމީނީ މަގުގެ ތާރުގެ މަސައްކަތަށް. އެގޮތުން އެ ޕްރޮޖެކްޓްގެ މިކްސް ޑިޒައިންއާއި އެއްގޮތަށް ސެޓަޕްހަދާ ތާރު އެޅުމުގެ ޓެސްޓުތައްކޮށްފައިވަނީ." ޝަރީފް ވިދާޅުވިއެވެ.

އާރްޑީސީން ބަހައްޓާފައިވާ ތާރުއަޅާ ޕްލާންޓަކީ ބޭނުންވެއްޖެ ޙާލަތެއްގައި، އެހެން ރަށްރަށަށް ވެސް ގެންދެވޭނެ ޕްލާންޓެކެވެ.

އާރްޑީސީން އަމީނީ މަގުގައި ތާރުއެޅުމަށް ރާވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭއެވެ. މިހާރު ކުރިއަށްދަނީ ތާރުގެ ކުރިން އަޅާ، އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތެވެ. އާރްޑީސީން ބުނީ އަމީނީ މަގުގެ މިހާރު ނިމިފައިވާ ސެގްމަންޓްތަގަކުގައި ތާރު އެޅުމުގެ މަސައްކަތް އެއް ދުވަހުން ނިންމާލެވޭނެ ކަމަށެވެ.

މިހާރު މަސައްކަތް ކުރިއަށްދަނީ ސްޓެލްކޯއިން ފެށިގެން ބިލަބޮންގްއާ ހަމައަށް އޮތް ސަރަޙައްދުގައެވެ. މުޅި ޕްރޮޖެކްޓްގައި 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އާރްޑީސީން ބުނީ އަމީނީ މަގުގެ ބަކީ ބައިގައި ތާރުގެ މަސައްކަތް ގެންދާނީ އެ ކުންފުނިންކަމަށެވެ.