މިމަސް ފެށުނުއިރު ކޯވިޑްޖެހޭ މީހުންގެ އަދަދުތައް ހުރި މިންވަރާއި އަޅާބާލާއިރު މިހާރު އެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޯވިޑްޖެހޭ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައި މިވަނީ ވޭތުވެދިޔަ މަސްތަކުގައި ކޯވިޑްޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމަށްފަހުއެވެ.
މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 36 މީހުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކުރައްވާފައިވާ ތަފާސް ހިސާބަށްބަލާއިރު، މިމަހުގެ 14 އިން 20 އަށް، 36 މީހުންނަށް ކޯވިޑް ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މޭމަސް ފެށުނުއިރު މި އަދަދު ހުރީ 190 އިން މަތީގައެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 18 މީހުންނާއި، އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 11 މީހުންނާއި، ރިސޯޓްތަކާއި ސިނާޢީ މައްސައްކަތް ކުރާ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި 7 މީހުންނެވެ. މިހާތަނަށް ރާއްޖޭގައި 186625 މީހުންނަށް ކޯވިޑް19 ޖެހިފައިވެއެވެ.
✳️ COVID-19 : Case Updates pic.twitter.com/xaCpZR2JZe
— Health Protection Agency (@HPA_MV) May 22, 2023
މިމަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހުންގެ އަދަދުވެސް ހުރީ މަތީގައެވެ. އެގޮތުން ކޯވިޑް ޖެހިގެން 38 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. މީގެތެރޭގައި އެކި އުމުރުގެ މީހުން ހިމެނޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް މިވަގުތު ބައްޔަށް ޕޮޒިޓީވްވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 9 މީހުންނަށެވެ.
ބަލީގައި މިދިޔަ ހަފްތާގައި އެކަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 315އަށް އަރާފައެވެ.
ކޯވިޑް19ގެ ސިއްޙީ ކުއްލި ނުރައްކަލު،ގެ ޙާލަތު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މި ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 6.9 މިލިއަނަށް އަރައެވެ.
ކުއްލި ޙާލަތު އުވާލިނަމަވެސް އަދިވެސް މި ބަލި މުޖުތަމަޢުގެ ތެރޭގައި އުޅޭތީ، ބައްޔަށް ސަމާލުވުމަށް އެޗްޕީއޭއިން އެދެއެވެ. ޚާއްސަކޮށް ސްކޫލް ޗުއްޓީފަދަ، ދަތުރުކުރުން ގިނަ ދުވަސްތަކުގައި ބަލި ފެތުރޭ މިންވަރު ރާއްޖޭގައިވެސް އިތުރެވެ. އެހެންކަމުން އެކަމަށް އަދިވެސް ސާމާލްވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.