ޚަބަރު

ގެމަނަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރު ރައީސްގެ އަނބިކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި


ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ގެމަނަފުށީ ކައުންސިލާ އަދި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޔުނިސެފްގެ ރެޕްރެޒެންޓިވް ޑރ. އެޑްވަރޑް އެޑީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި، ގއ. ގެމަނަފުށީ ސްކޫލާއި ސަރުކާރު އޮފީސްތަކާއި ގެނަމަފުށީގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ސްޓޯލްތައް ހިމެނެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޑަކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށް ކުރިޔަށްގެންދިޔަ ކުރެހުމުގެ މުބާރާތް ހިމެނެއެވެ.

ގެމަނަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފް މޯލްޑިވްސްއިން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދައްކާލުމަށް ގެމަނަފުށީ ސްކޫލުގައި ހުޅުވާފައިވާ އާރޓް އެގްޒިބިޝަނަށް ޒިޔާރަތްކުރައްވައި ދަރިވަރުންގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.