ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިޢުލާންކުރީ ބިން އޮތްކަން ޔަގީންކުރުމަށްފަހު: މިއުވާން


ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމް އިއުލާންކުރެއްވީ، އެކަމަަށް ބެނުންވާ ބިން އޮތްކަން ކަށަވަރު ކުރުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ގޯތި ދޭނެ ބިން ނެތިގެން ހުޅުމާލޭގެ ފަޅު ހިއްކަން ސަރުކާރުން މަސައްކަތްކުރައްވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، ހުޅުމާލެ ފަޅު ހިއްކުމާއިގުޅޭ މަޝްވަރާތަކެއް ކުރިއަށްދާކަމާށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށާއި، މިހާތަނަށް ކުރިއަށްގޮސްފައިވަނީ މަޝްވަރާތަކެއްކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން މަޝްވަރާކުރަނީ ހުޅުމާލޭގައި ހުންނަ މެރީ ބްރައުން ރެސްޓޯރަންޓާއި ދިމާލުން އޮންނަ ފަޅުތެރެއިން ފެށިގެން ފޭސް ދޭއްގައި އޮންނަ ފަރުކޮޅުފުއްޓާއި ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން މިއީ ކްރޫޒްލައިނަރ ޓަރމިނަލެއް ތަރައްޤީކުރުމަށް އޮތް ސަރަހައްދެކެވެ.

މިއުވާން ވިދާޅުވީ ހުޅުމާލޭގެ ފަޅުން ބައެއް ހިއްކަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޭން ބޭނުންވާ ބިން ނެތިގެންކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހުޅުވާލާފައިވަނީ އެކަމަށް ބޭނުންވާ ބިން ކަނޑައަޅައި، ޔަގީންކުރުމަށްފަހުކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"މިހާރު އިޢުލާންކޮށްފަ ހުރި މަޝްރޫޢުތަކަށް އިޢުލާންކުރީ އެކަމަށް ބޭނުންވާ ބިން އޮތްކަން ކަށަވަރުކުރުމަށްފަހު. މާލެގައި ހައުސިން ނީޑް ވަރަށް ބޮޑަށް އެބައޮތް. މިހާރު ސަރުކާރުން އިއުލާންކޮށްފައުވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެގޮތުގައި ކުރިއަށްދާނެ." މިއުވާން ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމް ސަރުކާރުން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި މި ސަރަޙައްދުން ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1000ގޯއްޗާއި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅުން 2000 ގޯތި ދޫކުރުމަށެވެ. މީގެތެރެއިން އެޗްޑީސީން މިހާރު ދަނީ، ހުޅުމާލެއިން ދޫކުރާ ބިންތަކުގެ އިން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ މަޝްރޫޢުގެ ދަށުން އިމާރާތްކުރަންޖެހޭ ފްލެޓް އިމާރާތްތައްވެސް މިހާރު ދަނީ އިމާރާތްކުރަމުންނެވެ.