ވިޔަފާރި

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާއަށްވުރެ ދަށް


މިދިޔަމަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާކުރި އަދަދަށްވުރެ ދަށްވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ޓެކްސް އިދާރާ، މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަމަހު މީރާއަށް ވަނީ 1.86 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ.

މިރާއިން ވިދާޅުވީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 ގިނަ އަދަދެކެވެ. ނަމަވެސް، މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 11.2 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތުދެއްވާ ގޮތުގައި، މިދިޔަ އަހަރުގެ އެޕްރީލްމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ އޭޕްރީލްމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިކަމަށް މީރާއިން މައުލޫމާތުދެއްވައެވެ. އަދި، މާރިޗު 2022 އާއި އަޅައިބަލާއިރު، މާރިޗު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުންކަމަށެވެ.

އެޕްރީލް 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 64.5 އިންސައްތަ ނުވަތަ 1.20 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.5 އިންސައްތަ ނުވަތަ 176.67 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 116.49 މިލިއަން ރުފިޔާ (6.3%)، ގްރީން ޓެކްސްގެ ގޮތުގައި 94.92 މިލިއަން ރުފިޔާ (%5.1)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 75.14 މިލިއަން ރުފިޔާ (4.0%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.56 މިލިއަން ރުފިޔާ (%10.6) ލިބިފައިވެއެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 77.35 މިލިއަން ޑޮލަރު ލިބިފައިވެއެވެ.