ޚަބަރު

ހިޔާފްލެޓްގެ ކުލި 5300 ރުފިޔާއަށް، ކުލި ދެއްކުން 7 އަހަރަށް


މި މަހުން ފެށިގެން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300 ރުފިޔާއަށް ހަމަޖައްސައި ފްލެޓުތަކަށް ކުލި ދައްކަން ޖެހޭ މުއްދަތު ސަރުކާރުން އިތުރުކުރައްވައިފިއެވެ.

ކުރިން ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މެއިންޓަނަންސް ފީއާއެކު ދައްކަން ޖެހެނީ 8،500 ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ދައްކައި ނިންމަންޖެހޭ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމެވީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މެއިންޓަނަންސް ފީއާ ނުލާ މަހަކު 5300 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ހަދާ ކުލީގެ މުއްދަތު 7 އަހަރުދުވަހަށް އިތުރުކުރައްވާފައިވާކަމަށެވެ.

"ހިޔާ ފްލެޓްތަކުގެ ކުލި ކުޑައެއް ނޫން މި ކުރީ. ކުލި ދެއްކުމަށް ލުއިފަސޭހަކޮށްދީ ދައްކަން ޖެހޭ މުއްދަތު އިތުރު މިކުރީ." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލަވުމުގައި ހިޔާ ފްލެޓްތަކުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ޚަރަދާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޚަރަދާއި ސަޕްލިމެންޓްރީ އަދި އިދާރީ ޚަރަދާއި, ބިމުގެ އަގާއި ލޯނުގެ އިންސްޓޯލްމަންޓަށް ބަލާއިރު ކުލީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް އޮތްކަމަށެވެ. ނަމަވެސް, ކުލީގެ ގޮތުގައި 7500ރުފިޔާ ނަގަން ނިންމާ އެއްބަސްވުންތައް ހެދީ ހަމައެކަނި ކޮންސްޓްރަކްޝަން ޚަރަދު ނަގާ ގޮތަށް ކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފްލެޓްތަކުގެ ފިނިޝިން ނިންމަން ކުލި ނުހިނގާ ގޮތަށް ހަތް މަސް ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. އަދި,އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި އެވްރެޖުކޮށް އެޕާޓްމަންޓަކަށް 130,000ރުފިޔާ ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ކުލި ދެއްކުމުގައި ލުޔެއް ދޭން ނިންމާފައި ވަނީ ފިނިޝިންގެ މަސައްކަތް ނިންމަން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާތީ އެ ލޯނު ދެއްކުމުގައި އެހީތެރިވުމުގެ ގޮތުންކަމަށް އާތިފް ވިދާޅުވިއެވެ.

"އޭރުވެސް އެވަނީ އެޕާޓްމަންޓަކުން 555,000 ރުފިޔާ ސަބްސިޑައިޒް ކުރެވިފައި. މުޅި މަޝްރޫއުން ސަރުކާރުން 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒް ކުރި." އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ ފްލެޓުތަކުގެ މަޝްރޫޢުގެ ފިނިޝިންގެ މަސައްކަތް ނުހިމަނާ ކަމަށް މިސަރުކާރުންވަނީ 2019 ވަނަ އަހަރު ވިދާޅުވެފައެވެ. އެހެންކަމުން ފިނިޝިންގެ ގިނަ މަސައްކަތް ކުރަންޖެހުނީ ފްލެޓު ލިބުނު މީހުން އަމިއްލައަށެވެ.