ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދަތުރުފުޅު ކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމްގެ އެއްވެސް އިޙްމާލެއް ނެތްކަމަށް ނިންމަވައިފިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މާރިޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި ވަގުތު، އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާއި ގުޅިގެން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކުރެއްވިއެވެ. އަދި އެކަމާއި ގުޅޭ ޚާއްޞަ އިންކުއަރީއެއް ހެދިއެވެ.
މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުއްވި ބަޔާނުގައި ވަނީ، ކާނަލް ޢަބްދުﷲ އިބްރާހީމް މަސްޢޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރެއްވީ އިންކުއަރީއަށް އެއްވެސް ފަރާތެއް ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމަށްކަމަށެވެ. އަދި މައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިޙްމާލެއް ފެންނާން ނެތްކަމަށެވެ.
ކާނަލް ޢަބްދުﷲ އިބްރާހީމް ވަގުތީ ގޮތުން މަސްޢޫލިއްޔަތުތަކުން އެކަހެރި ކުރެއްވުމުން، ވަގުތީ ގޮތުން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ ޒިންމާ ޙަވާލުކުރެއްވީ މޭޖަރ އިބްރާހީމް ޙަލީމާއެވެ.