"އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ދެކުނު އެފްރިކާގެ ކޭޕްޓައުންނަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރާއި، މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.
މިދަތުރުފުޅަކީ، އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ދަޢުވަތަކަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.
"އެފްރިކަން ވިމެން ސަމިޓް-23" މިސަމިޓަކީ، އެފްރިކާގެ ބައްރަށް ޢަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާޢީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓްއެކެވެ. އަދި، މިސަމިޓްގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަ ކުރެވޭ އަންހެން ބޭކަނބަލުން ބައިވެރިވެ، ތަޤްރީރްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓްގައި، ކީނޯޓް ސްޕީކަރެއްގެ ގޮތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީ ވަނީ ސަމިޓްގެ ތަޤްރީރު ކުރައްވާނެކަމށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން، ތަފާތު ތީމްތަކަށް ޢަމާޒުކޮށް ބާއްވާ ޕެނަލް ޑިސްކަޝަން ތަކުގައިވެސް މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަންނަވާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.