ސަރުކާރުން މިހާރު ހުޅުމާލޭގައި ތަރައްޤީކުރާ 4000 ހައުސިން ޔުނިޓް ޕްރޮޖެކްޓް ނިންމާ ހަވާލުކުރާނީ ހުރިހާ މަސައްކަތެއް ނިިންމާފައި ކަމަށާއި މިޕްރޮޖެކްޓްގެ ފިނިޝިން މަސައްކަތަށް އިތުރު ލޯނެއް ނުނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
އެފްޑީސީން މިހެން ވިދާޅުވީ، މިޕްރޮޖެކްޓްގެ ޔުނިޓްތައް ނިންމުމަށް އިތުރަށް ލޯނު ނަގާކަމަށްބުނެ، އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ފަހިދިރުއުޅުން ކޯޕަރޭޝަންގެ ދަށުން ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށީ 2020ވަނަ އަހަރުއެވެ. މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ. މިމަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މިހައުސިންގ ޔުނިޓްތައް އޭގެ ޙައްޤުވެރިންނާއި ހަވާލުކުރާނީ ފިނިޝިންއާއެކު ހުރިހާ މަސައްކަތެއް ނިންމާފައި ކަމުގެ ޔަޤީންކަން ސަރުކާރުންވަނީ ދެއްވާފައެވެ. މިމަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރައްވާފައިވަނީވެސް، އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތާއެކުއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ދެ ލޯނެއްގެ އެހީގައެވެ. 2 ލޯނަކީވެސް ސަރުކާރުގެ ސަވަރިންގ ގެރެންޓީގެ ދަށުން ހަމަޖެހުނު ދެ ލޯނެވެ.
އެގޮތުން އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއެކު ސޮއިކުރައްވާފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓާއި، ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު ސޮއިކުރައްވާފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަށް، 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި 110.5 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ވަނީ ނަގާފައެވެ.
މިޕްރޮޖެކްޓާ ގުޅޭގޮތުން އާއްމުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު ވާހަކަތަކެއް އޮންލައިން ނޫހެއްގައި ފަތުރާފައިވާތީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ބަޔާނުގައިވަނީ، ޓަވަރުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގަން ނުޖެހޭނެކަމަށެވެ. ފިނިޝިން މަސައްކަތް ނިންމުމަށް ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން އެފްޑީސީން އެއްވެސް ބޭންކަކަށް ނުދާކަން ކަށަވަރުކޮށްދޭ ކަމަށްވެސް މިބަޔާނުގައިވެއެވެ.
އެފްޑީސީން ވިދާޅުވީ ޕްރޮޖެކްޓަށް ލޯނު ނަގާފައިވަނީ ހުރިހާ މަސައްކަތްތައް ހިމެނޭހެންކަމަށާއި، މިހާރުގެ ސްކޯޕްގެ ތެރެއިން ފިނިޝިން ނިންމާނެކަމަށެވެ. އެގޮތުން ފްލެޓްގެ މަސައްކަތްތައް ނިމޭއިރު ހުންނާނީ ޓައިލްސް ޖަހާ، ދޮރުތައް ހަރުކޮށް، ކުލަލާ، ލައިޓް ތަކާއި، ފަންކާއާއި، ފާޚާނާ ފިޓިންގްސް ފުރިހަމަކޮށް، އަދި މިނޫންވެސް އިތުރު ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށް އެފްޑީސީން ވިދާޅުވެއެވެ.
މި ޕްރޮޖެކްޓްގެ ތެރެއިން ބައެއް އެޕާޓްމަންޓްތަކުގައި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތްތައް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، މިދިޔަ މަހު މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވިދާޅުވަނީ، އެޕަޓްމަންޓްތައް ނިމެމުންދާވަރަކަށް ހަވާލުކުރައްވަމުން ގެންދަވާނެކަމަށެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޖުލައި މަހުގެތެރޭގައި ނެރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.