ޚަބަރު

10 ޤައުމެއްގެ 223 ބައިވެރިންނާއެކު އައިޔޫއެމްގެ ދިރާސާ ކޮންފަރެންސް ފަށްޓަވައިފި


އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސުން އިންތިޒާމްކުރައްވައިގެން ރާއްޖޭގައި ބާއްވަވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ދިރާސާ ކޮންފަރެންސް "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައި.ސީ.އައި.އޭ) ފަށްޓަވައިފިއެވެ. މި ކޮންފަރެންސް ފެށްޓެވީ އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމްކުރައްވައިގެން ކޮންމެ އަހަރަކު ބާއްވަވަމުން އަންނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައި.ސީ.އައި.އޭ)ގެ މަޤުޞަދަކީ ޢާންމު ދިރިއުޅުމަށް ފައިދާވާނެ އެކި ދާއިރާތަކުން ދިރާސާތައް ހުށައެޅުއްވުމެވެ. މިއީ މި ކޮންފަރެންސް ބާއްވަވާ ފަސް ވަނަ އަހަރެވެ.

އައިސީއައިއޭގެ ފަސްވަނަ ކޮންފަރެންސް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަންއެވެ. މިއަހަރުގެ ކޮންފަރެންސްގައި 10 ޤައުމަކުން 200 އަށްވުރެ ގިނަ ރިސަރޗަރުން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގައި 52 ކަރުދާސް ހުށައަޅުއްވާނެއެވެ.

މި ކޮންފަރެންސް ފެށްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ރިސާރޗަރުން މި ކޮންފަރެންސަށް ވަޑައިގަންނަވަނީ އަގުހުރި ތަޖުރިބާތަކާއި، މަޢުލޫމާތުތަކާއި، ޙިކުމަތްތަކާ އެކުކަމަށާއި، އެ ބޭފުޅުންގެ ދިރާސާތަކާއި މަޝްވަރާތަކުން، ބައިވެރިންނަށް ގިނަ ފައިދާތައް ކުރާނެކަމަށެވެ.

"މި އަހަރުގެ ކޮންފަރެންސުން ވެސް ބައިވެރިންނަށް، މުޖުތަމަޢުއަށް ފައިދާކުރުވަނިވި ކަންކަން ދަސްވާނެ ފަދަ ތަޖުތިބާއެއް ކުރެވޭނެ ކަމަށް އުއްމީދުކުރަން. އެކި ދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށައެޅޭނެ."ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި މައިގަނޑުކޮށް ކުރިއަށްދާނީ ރާއްޖެ އާއި، ރާއްޖޭއިން ބޭރުގެ ޢިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި، ޕެނަލް ޑިސްކަޝަންތަކެވެ. މި ކޮންފަރެސްގައި ދެ މައުޟޫޢަކަށް ކީނޯޓް ހުށައަޅާނެއެވެ.

ކަރުދާސް ހުށަހަޅާ މައުލޫތަކުގެ ތެރޭގައި ޙަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ޞިއްޙަތު، ނަފްސާނީ ޢިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދި ޒުވާނުންގެ ދާއިރާ ހިމެނެއެވެ. ކޮންފަރެންސްގައި ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ކަރުދާސް ހުށަހަޅުއްވާނެއެވެ.

އައި.ޔޫ.އެމް އިން މި ކޮންފަރެންސް ބާއްވަވަން ފެށްޓެވީ 2016ވަނަ އަހަރުއެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވެވީ އޮންލައިންކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ވަނީ ކުރިއެކޭ އެއްގޮތަށް މި ކޮންފަރެންސް ބާއްވަވައިފައެވެ.