ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓް އަރުވާއިފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ފަހަތްޕުޅުގައި އެކޯލިޝަންގެ ލީޑަރޝިޕް އޮތްކަމަށް ހާމަކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގައި އެއްވެސް ދެބަސްވުމެއް ނެތްކަމަށާއި އެންމެންވެސް ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ވަރަށް ސާބިތު ކަމާއެކުގައިކަމަށެވެ.
ޢަބްދުއްރަހީމް ވަނީ އެ ކޯލިޝަންގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ވަކިވަކިން ވާހަކަ ދެއްކެވުމުގެ ފުޞަތުދެއްވައި އެބޭފުޅުން ތިއްބެވި ގޮތްވެސް ހާމަކުރައްވާފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބް ރައީސް ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ބޭފުޅުން ރައީސް ޔާމީނާއެކު ސާބިތުވެ ހުންނެވިކަން ހާމަކޮށްފައެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން ބުނީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ބަލައިގެން މަސައްކަތް ނުކުރާކަމަށާއި، ޕީޕީއެމް އޮތީ ބަދަހިކޮށް ރައީސް ޔާމީންގެ ފަހަތުގައިކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އެކަމާއި ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހަނިކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ.