އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީ ދާއިރާއަކީ އަސާސީ ދާއިރާއެއްކަމުން، މިދާއިރާގައި އަންހެނުން ޝައުގުވެރިވާ އަދި ކުރިއަރައި ދިޔުމަށް ފުރުޞަތު އޮތް ދާއިރާއަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޓެލެކޮމިއުނިކޭޝަން މިނިސްޓަރ ވިދާޅުވީ އައިސީޓީ ދާއިރާއަކީ ރާއްޖޭގެ މުޅި މުސްތަޤުބަލު އެދާއިރާއަކާއި ގުޅިފައިވާ ދާއިރާއެއްކަމަށެވެ.
ބައިނަލްއަޤުވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކުރެވޭ އަންހެނުންގެ މަސައްކަތް ފާހަގަކޮށް މިދާއިރާއަކީ އަންހެނުން ޝައުގުވެރިވާ ދާއިރާއެއްގެގޮތުގައި ހެދުމަށްކަމަށް ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުންނެވެ. މިދުވަހާއި ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ދެއްވި މެސެޖުގައި ވިދާޅުވީ މިއީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ޒަމާނެއްކަމަށެވެ. އަދި މިފަދައިން ކުރިއަރަމުން އަންނަ ދާއިރާއެއްގައި އަންހެނުންގެ ދައުރު ފުޅާވެގެންދިޔުމަކީ މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިއަދަކީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ޒަމާނެއް، މިފަދަ ޑިޖިޓަލް ޒަމާނެއްގައި އައިސީޓީގެ ހުނަރަކީ ކޮންމެހެން ޒަރޫރީ ކަމަކަށްވާއިރު މިދާއިރާއަކީ އަންހެނުން ޝައުގުވެރިވާ އަންހެނުންނަށް މަސައްކަތްކުރަން ފަސޭހަ އަދި ކުރިއަރަން ފުރުސަތު އޮތް ދާއިރާއަކަށްވުން ވަރަށް މުހިއްމު." މިނިސްޓަރ ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ނެކްސްޓް ޖެން ވާރޗުއަލް އިނޮވޭޝަން ޓުއަރގެ ނަމުގައި ވަރޗުއަލް ޓުއަރއެއް އަންނަނީ ބާއްވަމުންނެވެ. މިއަހަރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މިޓުއަރ މިހާރުވަނީ ފަށްޓަވާފައެވެ.
މިޓުއަރގައި ގްރޭޑް 7 އިން 12 އާއި ދެމެދުގެ ގްރޭޑުތަކުގެ އަންހެން ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ މި ޙަރަކާތުގެ އަމާޒަކީ ކުރިމަގުގެ އަންހެން ކުދިންނަށް ކެރިއަރއެއްގެ ގޮތުގައި އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި މިދާއިރާ ދައްކާދިނުމަށްކަމަށް ވިމެންއިންޓެކްއިން ބުންޏެވެ.
މިޙަރަކާތުގެ ތެރެއިން ޓެކްނޮލޮޖީގެ ތަޖުރިބާކާރުންނާއި ކުދިންނާއި، ގުޅުވައިދީ މަޢުލޫމާތު ބަދަލުކުރެވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި މިދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި މަތީ ތަޢުލީމުގެ ހުރި ފުރުސަތުތައް ހިއްސާކޮށް އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމަކީ މިޙަރަކާތުގެ މަޤްސަދެކެވެ.
މިވާރޗުއަލް ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށެވެ. މިޓުއަރގެ ސެޝަންތައް ނަގައި ދިނުމަށް ސަރުކާރާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތަށް 12 ފަރާތެއް ބައިވެރިވާކަމަށް ވިމެންއިންޓެކްއިން މަޢުލޫމާތުދެއެވެ. މީގެތެރޭގައި ދިރާގު، އޫރިދޫ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ލޮޓީފައިލްސް، ވިމެން އިން ޓެކް މޯލްޑިވްސް، މޯލްޑިވްސް ޕެންޝަން އޮފީސް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް، އެންސީއައިޓީ، ޓެކްނިއުސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނެއެވެ.
ދުނިޔޭގެ 166 އަށް ވުރެ ގިނަ ޤައުމުތަކުގައި އެކިއެކި ފެންވަރުގައި ފާހަގަކުރާ ބައިނަލް އަޤްވާމީ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމިނިއުކޭޝަން ޔޫނިއަން (އައިޓީޔޫ) އިން އިންތިޒާމްކޮށްގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރާކާތެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލްގެ 04 ވަނަ ބުރާސްފަތި ވަނަ ދުވަހުގައެވެ. އެޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ޑިޖިޓަލް ސްކިލްސް ފޯރ ލައިފް"، މިޝިޢާރެވެ.