ޚަބަރު

މުނިފޫހިފިލުވުމާއި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ހުޅުމާލެއިން ބޮޑު ބިމެއް


ހުޅުމާލޭގައި މުނިފޫހިފިލުވުމާއި އެކިއެކި ކުޅިވަރު ކުޅޭވެނެ އިންތިޒާމްތައް ހަމަޖަައްސައިދެއްވުމަށް ޔޫތު މިނިސްޓްރީއަށް ބިމެއް ދޫކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު ޤާއިމްކުރެއްވި އެއްބަސްވުމެއްގެ ދަށުން ޔޫތު މިނިސްޓްރީއަށް ބިން ދޫކުރެއްވީ ގިނަ އަދަދަކަށް މީހުން އާބާދުވަމުން އަންނަ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.

އެކިއެކި ކުޅިވަރުތަކާއި ރެކްރިއޭޝަނަލް ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ޔޫތު މިނިސްޓްރީއަށް ދެވަނަ ފިޔަވަހިން ހަމަޖައްސަވައިދެއްވީ 5.4 ހެކްޓަރު ނުވަތަ 5 ވަރަކަށް ފުޓްބޯޅަ ދަނޑުގެ ޖާގައިގެ ބިމެކެވެ.

އެޗްޑީސީން ނުވަތަ އަރބަންކޯއިން ވިދާޅުވީ ޒުވާނުންނާއި ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދެއްވުމަކީ އުމްރާނީ ގޮތުން ކުރިއަރާފައިވާ ނުވަތަ "އަރބަން ސިޓީ"އެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާކަމަށް މަސައްކަތެއްކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ދިރިއުޅޭ މީޙުންގެ އަދަދު އިތުރުވަމުންދާއިރު އަރބަންކޯއިން ވިދާޅުވީ ދެވަނަ ފިޔަވަހީގައި އަލަށް ފައްޓަވާ މި މަޝްރޫއުގެ ސަބަބުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރެއްވުމާއި ގުޅޭ އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙުމަދު މަހުލޫފްއެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފްއެވެ.

ހުޅުމާލޭގައި އަލަށް ފެއްޓެވުމަށް ތައްޔާރުވަމުންދާ މަޝްރޫޢުގެ އިތުރުންވެސް އަރބަންކޯއިން އަންނަނީ އެކިއެކި ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި އިންތިޒާމްތައް ހުޅުމާލޭގައި ހަމަޖައްސަވަމުންނެވެ. އޭގެތެރޭގައި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޯޓްތަކާއި ސްކޭޓް ޕާކްތަކުތައް ތަރައްޤީކުރުމާއި މޫދު ކުޅިވަރުތައް ކުރިއަށްގެންދެވޭނެ އިންތިޒާމްތައްވެސް ހިމެނެއެވެ. އަދި އެކި އުމުރުފުރައިގެ މީހުން މުނިފޫހިފިލުވުމާއި ހިތްހަމަޖައްސާލަން ނިކުމެލާނެ ޕާކްތަކާއި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ޕާކްތައްވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަރބަންކޯއިން ވަނީ ތަރައްޤީކުރައްވާފައެވެ.

އަރބަންކޯއިން މިހާރު ގެންދަވަނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ކޮމިއުނިޓީ ހަބެއް ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކުގައި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާޙައުލެއްގައި ގިނަ ހަރަކާތްތަކެއް ހިނގޭނެގޮތަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާ ކޮމިއުނިޓީ ހަބެކެވެ.