ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އަގާގުޅޭ އިޞްލާޙަށް ބަހުސްކުރައްވަން އެޖެންޑާކުރައްވައިފި


ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޙައްލު ގެންނެވުމަށްޓަކައި، ކުނިމެނޭޖްކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިޞްލާޙަށް ބަޙުސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރައްވައިފިއެވެ.

ވިޔަފާރި މުޢާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަޞްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީނަގަން ފަށަންޖެހޭނީ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ. ޤާނޫނުގައި ބަޔާންކުރާ 4 މަސް ދުވަސް ހަމަވީ މިދިޔަ އަންގާރަދުވަހުއެވެ. އަންގާރަދުވަހު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އެންމެ ބޮޑަށް ޢާއްމުންގެ ތެރެއިން އިވެން ފެށީ ކޮތަޅު ބޮނޑީގެ އަގު އެތައް ގުނައެއް އުފުލުމުގެ ޝަކުވާއެވެ.


ކުނި މެނޭޖްކުރުމުގެ ޤާނޫނު އެކުލަވާލެއްވުމަށް ސަރުކާރުން މަޖިލީހަށް އެންމެ ފުރަތަމަ ބިލު ފޮނުއްވީ ވިޔަފާރީގެ މުޢާމަލާތްތަކުގެ ބޭނުންކުރާ ވަކި ވަކި ޕްލާސްޓިކް ކޮތަޅުތަކުން ފީ ނެގުމަށެވެ. 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން މި ފީ ނެގުން އިސްތިސްނާކުރަން ސަރުކާރުން އޮތީ މާއްދާއެއް ހިމަނުއްވައިފައެވެ. ނަމަވެސް ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރެއްވީ ކޮތަޅުބޮނޑި ގަންނަނަމަ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާވާނެހެން އޮތް މާއްދާ އުނިކުރެއްވުމަށްފަހުއެވެ.

އެ މާއްދާ އުނިކުރެވިފައިވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ސަރުކާރުން ނިންމެވީ ބިލު އަނބުރައި ފޮނުއްވައިލެއްވުމުގެ ބަދަލުގައި ތަޞަދީޤުކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ އިޞްލާހުތައް ވަކިން ހުށަހެޅުމަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ފީީނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ކޮތަޅުބޮނޑި ހިމެނުއްވުމަށް މިދިޔަ މާޗުމަހު ތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި އިޞްލާޙު މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކުރައްވާފައެވެ. އަދި މިހަފްތާގެ ތެރޭގައި އެ އިޞްލާޙު މަޖިލީހުގެ ތަޅުމުން ފާސްކުރެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. މި ހަފްތާގައި މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށް މެންބަރުން ވަޑައިގަތުމުގެ ކުރިން އެ މަސައްކަތް ނިންމެވުމަށް ވަނީ އަމާޒު ކުރައްވައިފައެވެ.

ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އެ އިޞްލާޙް ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙްއްމަދު ރާޝިދުއެވެ. ސަރުކާރުން ވިދާޅުވީ މި އިޞްލާޙް ފާސްވުމުން، ކޮތަޅުބޮނޑީގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ޙްއްލުވެގެންދާނެކަމަށެވެ.