ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމުގެ އެންމެ އިސްވާޖިބު އަދާކުރަނީ ދިވެހި ސިފައިންނެވެ. ރާއްޖޭގައި ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ދޭން ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ދުވަހުއެވެ. މިއަދަކީ ދިވެރާއްޖޭގެ ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުނު ދުވަހެވެ.
ސިފައިންގެ ޚިދުމަތުގެ މާޒީގެ ދިގު ތާރީޚުގައި ޤައުމަށް ދިމާވި ޢުދުވާނީ ޙަމަލާތަކާއި، ކާރިޘާތަކާއި، އަދި އުފާވެރިކަމުގެ އެތައް ކަމެއްގައި އެންމެ ކުރީސަފުގައި އަބަދުވެސް ޙަރަކާތްތެރިވަނީ ދިވެހި ސިފައިންނެވެ. މީގެ އެތައް އަހަރެއް ކުރިންވެސް އަދި މިހާރުގެ ސިފައިންގެ ބަދަހި ސަފުތަކަށް ބަލައިލި ކަމުގައި ވީނަމަވެސް ފެނިގެން ދަނީ ގަދަ ހިތްވަރާއއެކު އެއް ޢަޒުމެއްގައި ދިވެހި ފަސްގަނޑާއި، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި ތަނެވެ.
އެފަހުން އަސްކަރީ ފައުޖުގެ ދިގު ތާރީޚުގައި އެތައް ކުރިއރެރުމެއް ވަނީ އައިސްފައެވެ. 1979 ވަނަ އަހަރު، ނޭޝަނަލް ގާރޑުގެ ނަމުން ނަންދެވިފައިވާ މި އަސްކަރިއްޔާ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަމަށް ރީ-ބްރޭންޑްކޮށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ބަދަލުކުރެވުނެވެ.
ފުލުހުންނަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިނގަމުންދާ މަދަނީ އިދާރާއެއްގެ ގޮތުގައި ކަނޑައަޅައި، 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ނަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމަށް ބަދަލުކުރެވެންދެން، އެން.އެސް.އެސް.ގެ ބައެއްގެ ގޮތުގައި ފުލުހުން ދެމިއޮތެވެ. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަމުން މިހާރު ބޭނުންކުރާ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ނަމަށް ބަދަލުކޮށްފައިވަނީ 21 އޭޕްރީލް 2006 ގައެވެ.
ދިވެހި ސިފައިންގެ ލަޝްކަރުގެ ވަރުގަދަކަމާއި ބަދަހިކަމަކީ، ދިވެހިރާއްޖެ މިނިވަން ދައުލަތެއް ކަމުގައި ދެމިއޮތުމުގެ މައިގަނޑު އެއް ސަބަބެވެ. އެގޮތުން ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތާއި، ސިފައިން ޤައުމާ ރައްޔިތުންނަށް އިޚްލާޞްތެރި މިންވަރު ހާމަކޮށްދިން އެއް ކަމަކީ 1988 ވަނައަހަރުގެ ނޮމެވްބަރު މަހުގެ 3 ވަނަދުވަހު ބޭރުގެ ހަތިޔާރުއެޅި ހަނގުރާމެވެރި ބަޔަކު ޤައުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިޤައުމާއި ރައްޔިތުން ދިފާޢުކުރުމުގައި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީއެވެ.
ދިވެހި ސިފައިން ވަނީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތާއި، ޤައުމާއި، ޤާނޫނީ ވެރިކަން ސަލާމަތްކުރުމުގައި ކާމިބާ ހޯއްދަވައިފައެވެ.
ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތްކުރުމެވެ. ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްޙަ ދެމެހެއްޓުމަށްޓަކައެވެ. ދިވެހި ޢަސްކަރިއްޔާ އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައި އެޅޭ ފިޔަވަޅެކެވެ.
ދިވެހިންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަމެވެ. 1988 ގެ ފަހުން ޤައުމުގެ ދިފާޢާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ވަނީ ކޮށްފައެވެ. އަދި މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ، ޒަމާނީ ހަތިޔާރާއި އާލާތްތައް ބޭނުންކުރާ އަސްކަރިއްޔާއެކެވެ.
ދިވެހި އަސްކަރިއްޔާއިން މިއަދު ކުރިމަތިލާ ކޮންމެ ކަމެއްގައި އެންމެ އިސްކަމެއް ދެނީ ދިވެހިންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ސުނާމީ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގައި ސިފައިން އަދާކުރެއްވި ދައުރާއި، ކޯވިޑް-19 ގެ ޙާލަތުގައި ވެސް ސިފައިން ފޯރުކޮށްދެއްވި އެހީތެރިކަމާއި، އެ ނޫންވެސް ޤައުމާއި ރައްޔިތުންނަށް ދިވެހި ސިފައިންގެ ބޭނުންޖެހޭ ކޮންމެ ޙާލަތެއްގައި ސިފައިން ވެދެއްވާ އެހީއަކީ ދިވެހި ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ހާމަވެގެންދާކަންކަމެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ސިފައިންގެ ޚިދުމަތް ޤާއިމުކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޢަސްކަރީ ތަމްރީން ލިބިފައިވާ އަންހެން އަދި ފިރިހެން ސިފައިން، ސިފައިންގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.
ސިފައިން އަބަދުވެސް ތިބެނީ އަސްކަރީ އަޚްލާޤާއި ސުލޫކީ މިންގަނޑުގެ މަތީގައި ސާބިތުވެ، އެމީހުންގެ ހުވަޔާ އެއްގޮތަށް، ޤާނޫނު އަސާސީގެ ޙިމާޔަތުގައި ހަށިގަނޑާއި ފުރާނައިން، ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށެވެ.