ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ޙަމަލާދީ މަރާލި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ މައްސަލާގައި ދަޢުވާކުރާ ދެ މީހުންގެ ހެކިބަސް ނަންގަވައި ނިމިއްޖެއެވެ.
މި މަރުގެ ދައުވާ ލިބޭ ގއ. މާމެންދޫ ރިހިފަރުދާގެ، އަޙްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދާއި ގުލްފާމުގެ، މުޙައްއްމަދު މާޒިންގެ ފަރާތުން ދިފާޢީ ހެކި ވަނީ ހުށަހަޅައިފައެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ވަނީ އުދައްޔު މަރައިލިކަން ސާބިތު ވެފައެވެ.
މާޒިން އާއި ޝަރަފްގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި 3 މީހުން ވަނީ އެ ދެ މީހުން މީހަކަށް ޙަމަލާދެނިކޮށް ފެނިފައިނުވާ ކަމަށް ބުނެފައެވެ.
އެތަނުން އެކަކު ހުރިކަން ފާހަގަކޮށް ހެކިބަސް ދެމުން އޭނާ ބުނީ, އުދައްޔުއަށް ޙަމަލާދިން މީހުންގެ ތެރޭގައި ޝަރަފު ނުހިމެނޭކަން ޔާޤީންކޮށް ބުނަން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ރޭގަނޑުގެ ވަގުތަށް ވެފައި އެތަން އޮތީ އަނދިރިކޮށް ކަމަށްވާތީ އެ މާރާމާރީގައި ޝާމިލްވީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށެވެ. އެ މީހުންގެ ތެރޭގައި ޝަރަފު ނުހިމެނޭކަން އެނގެނީ އެއީ ކުޑައިރުން ފެށިގެން ވެސް އޭނާ ޝަރަފު ދަންނާތީ ކަމަށް ބުނެފައިވެއެވެ.
އެ ހެކިވެރިޔާގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ, ހެކިވެރިޔާ މީގެ ކުރިން ފުލުހުންނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. ހެކިވެރިޔާ ސޮއިކޮށްފައިވާ އެ ބަޔާނުގައިވާ ގޮތުން, އުދައްޔު މަރުވި މާރާމާރީގެ ޚަބަރު އޭނާއަށް ލިބިފައިވަނީ އެތަން ފެނުނު އެހެން މީހެއްގެ ފުށުން ކަމަށް ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
އެކަމަށް ރައްދުދީ ހެކިވެރިޔާ ބުނެފައިވަނީ ފުލުހުންނަށް ބަޔާނެއް ދެވިފައިވާކަން ހަނދާން ނެތްކަމަށެވެ. މި އަޑުއެހުމުގައި ޝަމީމުގެ ބައްޕަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއްވެސް ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ދެ މީހުންވެސް ބުނެފައިވަނީ ޙާދިސާ ހިނގިރޭ 8:30 ން ފެށިގެން 10 ޖެހުމާ ހަމައަށް ޝަމީމް ހުރީ އޭނާ ދިރިއުޅޭ ގޭގައި ކަމަށެވެ.
މި މަރާމާރީގައި އުދައްޔުގެ އިތުރުން އޭނާގެ ބޭބެ ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ. އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާ ކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައް ވެސް ހުރިކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން އޭރު ވިދާޅުވެފައިވެއެވެ. އުދައްޔު މަރުވީވެސް ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.