ޚަބަރު

މުޢިއްޒު ދޮގު ބަޔާން ދިންކަމަށް ބުނާ މައްސަލަ ޙުކުމާ ހަމައަށް


ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ އާބިޓްރޭޝަނަށް ދޮގު ބަޔާން ދެއްވިކަމަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 25 ޖޫން 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަލް ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށް ވެވަޑައިގެންފައިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

މުޢިއްޒުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވުން ހިމެނެއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް މުޢިއްޒު ވިދާޅުވެފައިވާކަމަށް ތުހުމަތުކުރެއެވެ. މި މައްސަލާގައި މުޢިއްޒުގެ މައްޗަށް ވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ. ނަމަވެސް އެ ތުހުމަތުތައް މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ.

މި މައްސަލާގައި، އަހަރެއްހާ ދުވަހުގެ ޝަރީއަތުގެ އަޑުއެހުންތަކަށްފަހު ޚުލާޞާ ބަޔާން އިއްވުން ދެފަރާތަށް ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ދެއްވާފައެވެ. ޤާނޫނު ބަޔާންކުރާ ގޮތުން، ޚުލާޞާ ބަޔާން އިއްވާތާ 30 ދުުވަހުގެ ތެރޭގައި ޙުކުމް ކުރަން ޖެހެއެވެ. މިއަދުގެ އަޑު އެހުމުގައި ދެފަރާތުގެ ޚުލާޞާ ބަޔާނަށްފަހު މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ރަސްމީ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޙުކުމް އިއްވުމުގެ އަޑުއެހުން ބާއްވަވާނެ ކަމަށެވެ.

މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި، 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ނޫމަޑީގެ މައްސަލައިގައި މުޢިއްޒު ވަނީ ފުލުހުގެ އިދާރާއަށް ވެސް ޙާޟިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް، އެކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.