ތ.ވޭމަންޑު އާއި އެ އަތޮޅު ކިނބިދޫ ގުޅާލާ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވީ، މަޝްރޫޢުގެ އަގު ބޮޑުކަމުންކަމަށާއި، ނަމަވެސް މިހާރު އަގަށް ގެނެވުނު ބަދަލާއެކު މި ދައުރުގައި އެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ތ.ވޭމަންޑު އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭގެ މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި، މި މަސައްކަތް އޮތްގޮތުގެ ތަފްޞީލް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މަސައްކަތް ކުރައްވަނީ ވޭމަންޑު އާއި، ކިނބިދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް މިއަހަރުގެ ސެކަންޑް ކުއާޓަރއަށް ދިއުމުމުގެ ކުރިން ޓެންޑަރަށް ހުޅުވާލުމަށް ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް މިހާތަނަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ މަސައްކަތުގެ އަގު ބޮޑުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސައްކަތުގެ އަގު 500 މިލިޔަން ރުފިިޔާއަށް ވުރެ ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތުގެ އަގު ކުޑަކުރުމަށްޓަކައި ވެލިއު އިންޖިނިއަރިން ހަދައި ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކާއެކު މިހާރު ކޯޒްވޭ މަޝްރޫޢުގެ އަގު %40 އަށް ކުޑަކުރެވޭނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"އެލާ އާއި، ވޭމަންޑު އާއި އަދި އެލާ އާއި ކިނބިދުއާ ދޭތެރޭގައިވެސް މިއޮންނަ ސަރަޙައްދު އެކީގައި ޕައިލްގެ ކޯޒްވޭ ނުހަދައި ދޭތެރެ ދޭތެރެއިން އައިލެންޑް ތަކެއް ހަދާފައި ކޯޒްވޭ ސެކްޝަންތަކެއް ލާން. އެހެންވީމާ މިހާރު އަޅުގަނޑުމެން މި ވަނީ އެލާ އާއި ވޭމަންޑު އާއި ދޭތެރޭ 150 މީޓަރުގެ 4 ބްރިޖް ސެކްޝަން އަދި 3 އައިލެންޑް ސެކްޝަން ލާފައި. ހަމަ އެގޮތަށް އެލާ އާއި ކިނބިދުއާ ދޭތެރޭގައި އެއް ބްރިޖު ސެކްޝަން، ދެން ދެ އައިލެންޑް ސެކްޝަން ލާފައި. މިހެން ހެދީމަ މިކޯޒްވޭއަށް ދާ އަގު އެބަތިރިކުރެވޭ ގާތްގަނޑަކަށް 40 ޕަސެންޓަށް." މިިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން މެންބަރު ރިޔާޒް ވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު މި މަސައްކަތް މިހާރު ޕްލޭން ކުރިވިފައިވާ ގޮތުން މި ދައުރުގައި ފެށޭނެތޯ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސްގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކުރުމުގައިވެސް ތިމާވެށްޓަށާއި، ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭތޯ ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.
ރައީސްގެ ވަޢުދުފުޅުތައް ފުއްދެވުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ވަޢުދުފުޅުތައް ފުއްދުމުގެ ނަމުގައި އުސޫލުތަކުން ބޭރުން ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވޭމަންދޫ ކިނބިދޫ ކޯޒްވޭގެ މަސައްކަތް ވެސް ޓެންޑަރކޮށް، މަޝްރޫޢު ބަޔަކާ ޙަވާލުކޮށްގެން މި ދައުރުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައި ވަނީ ވޭމަންޑޫގެ ހުޅަނގު ދެކުނު ފަރާތުންނާއި ކިނބިދޫގެ އިރުދެކުނު ފަރާތުންނެވެ.