އިއްޔެ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިޚާބަކީ މިހާރު ވެރިކަން ކުރާ އެމްޑީޕީއަށް ވަރަށް ޚާއްޞަ އިންތިޚާބެކެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ކ. އަތޮޅުގެ ގޮނޑިއެއް އެމް.ޑީ.ޕީއަށް ނުލިބި އޮތް އޮތުމަށް ނިމުން ގެނުވި އިންތިޚާބެކެވެ. ޑީ.އާރު.ޕީއާއި، ޕީ.ޕީ.އެމްގެ ފިކުރުގެ ވަރުގަދަ ގުރައިދޫ ދާއިރާ އެމް.ޑީ.ޕީއިން ކާމިޔާބުކުރުމަކީ ސިޔާސީ މަސްރަޙްގެ ކުރިމަގުގެ މަގުޗާޓަށްވެސް ބަދަލު ގެނުވާނެ ނަތީޖާއެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމް.ޑީ.ޕީއިން ހޯދި ކާމިޔާބީ އެޕާޓީއިން ދެކެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އިންތިޚާބުގައި ވާދަވެރި އަދި އިދިކޮޅު މައި ޕާޓީ ޕީ.ޕީ.އެމްއަށް މެޖޯރިޓީ ލިބުނީ އެންމެ ފޮށްޓަކުންނެވެ. މާލެއާއި، ގުރައިދޫ ދާއިރާގެ 3 ރަށުގައި ބެހެއްޓި 6 ފޮށީގެ ތެރެއިން ޕީ.ޕީ.އެމްއަށް މެޖޯރިޓީ ލިބުނީ ގުރައިދޫ ދާއިރާގައި ބެހެއްޓި 2 ނަންބަރު ފޮށިން އެކަންޏެެވެ. ދެން ބެހެއްޓި 5 ފޮށިންވެސް ކުރި ހޯދައި އިންތިޚާބު ކާމިޔާބުކުރީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުޙައްމަދު ޝާޒުއެވެ.
އިންތިޚާބުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމް.ޑީ.ޕީގެ ޗެއާރޕަސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ގުރައިދޫ ދާއިރާ އާއި، ކ. އަތޮޅުންވެސް ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް މަޖިލިސް ގޮނޑިއެއް ލިބުމަކީ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ފައްޔާޟް ދެކެވަޑައިގަންނަވައެވެ.
"ވަރަށް ބޮޑު ކާމިޔާބެއް މިއީ. މިދާއިރާގައި އަލަށް އެމް.ޑީ.ޕީއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވުނީމި. މިކަމުން އެނގިގެން ދިޔައީ ރައީސްގެ ސަރުކާރު ރައްޔިތުން ބަލައިގެންކަން. މިގޮނޑިއަކީ ބޮޑު ތަފާތަކުން އެމް.ޑީ.ޕީއަށް 2019 ވަނަ އަހަރު ގެއްލިފައިވާ ގޮނޑިއެއް. ނަމަވެސް މިފަހަރު ކުޑަ ތަފަތަކުން ނަމަވެސް މި ކާމިޔާބު ކުރީ. މިތަނަކީ އިދިކޮޅު ޕީޕީއެމްގެ ވަރުގަދަ ދާއިރާއެއް. މީގެން ފެނިގެން މިދިޔައީ 2023 ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވާތަން" ފައްޔާޟް ވިދާޅުވިއެވެ.
މިއިންތިޚާބަށް އެމް.ޑީ.ޕީއިން ކުރިމަތިލިއިރު އެޕާޓީއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ޕާޓީގެ އިސްބޭފުޅުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުމެވެ. އަދި އިންތިޚާބު ތެރޭގައިވެސް ޕާޓީ ތެރެއިން މިގޮނޑި އެމް.ޑީ.ޕީއަށް ކާމިޔާބު ވިޔަނުދިނުމަށް ކުރަމުންދިޔަ މަސައްކަތެވެ. އެމް.ޑީ.ޕީގެ ޗެއަރޕާސަން ފައްޔާޟް ދެކެވަޑައިގަންނަވަނީ އެ ޚިޔާލު ތަފާތުވުމާއި ބައިވުމަކީ މާޒީކަމަށެވެ.
މި އިންތިޚާބުން ސާފުވާކަމަކީ އެމް.ޑީ.ޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އޮވެ، އަދި އެމް.ޑީ.ޕީގެ އިސްސަފުގައި، ތިއްބެވި ބައެއް ބޭފުޅުން މިގޮނޑި އެމް.ޑީ.ޕީއަށް ލިބުނަ ނުދިނުމަށް ކުރެއްވި މަސައްކަތާއެކުވެސް އެއްބައިވަންތަކަމާއެކު އޮތުމުން އެމް.ޑީ.ޕީއަށް ކާމިޔާބު ލިބުނުތަންކަމަށް ފައްޔާޟް ވިދާޅުވިއެވެ. ފައްޔާޟް ވިދާޅުވީ، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ފެހި ސިގުނަލެއް ކަމަށެވެ.
"ފަހަރުގައި މިހާތަނަށް އައިއިރު އެމްޑީޕީ ތެރޭގައި ދެބަސްވުންތަކެއް އޮތުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ސަރުކާރާއި އަދި އެމްޑީޕީ ހަލާކުވެގެންދިޔައީކަމަށް ޤަބޫލުކުތެވިފައި އޮވެދާނެ. އެހެން ނަމަވެސް މިއަދުގެ މިނަތީޖާއިން ވަރަށް ސާފު އެމްޑީޕީ އޮތީ ހަމަ ވަރުގަދަކޮށްކަން، އަދި ކުރިއަށް ވުރެވެސް ވަރުގަދަކޮށްކަން" ފައްޔާޟް ވިދާޅުވިއެވެ.
މިއިންތިޚާބު ކާމިޔާބުކުރި އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުޙައްމަދު ޝާޒަކީ އެދާއިރާގައި އެމް.ޑީ.ޕީގެ ފަލްސަފާ ކުރިއަރުވައި ޒުވާނުންނާއެކު މާޒީ ބަދަލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝާޒު ވިދާޅުވީ، މި ކާމިޔާބީއަކީ ގުރައިދޫ ދާއިރާގެ ޒުވާނުން އެއް ޢަޒުމެއްގައި ޙާޞިލުކުރަން ބޭނުންވި އަމާޒަށް ވާޞީލުވުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ޝާޒް ވިދާޅުވީ، މިއިންތިޚާބު ކާމިޔާބު ކުރެވުނީ އެތައް ބައެއްގެ މަސައްކަތުން ދާއިރާގެ 3 ރަށަށް ގިނަ ކަންތައްތަކެއް ކުރުމުގެ އަޒުމުގައިކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުވުމުން ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ދެއްވިކަމަށެވެ. ރައީސްގެ އަރިހުގައި އެވަގުތުވެސް ފެށިފައިހުރި މަޝްރޫޢުތަކާއި، ފަށަން ވިދާޅުވި މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ދެންނެވިކަމަށް ޝާޒް ވިދާޅުވިއެވެ. އަދި ވަރަށް ޔަޤީންކަމާއެކު އެއްވެސް މަޝްރޫޢަކަށް ހުއްޓުމެއް ނާންނާނެކަމުގެ ޔަޤީކަން ރައީސް ދެއްވާފައިކަމަށް ޝާޒު ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ ވީ ވައުދު ރަނުން ރަނަށް ފުއްދަވާ ދެއްވާނަން. އަޅުގަނޑެއް މަޑު ޖެހިގެނެއް ގޮނޑީގައި އިށީދެގެނެއް ގޮނޑި ހޫނުކުރާކަށް ނީންނާނަން. އަޅުގަނޑު 3 ރަށުގެ ރައްޔިތުންނަށް ވީ ވައުދާއި އެމްޑީޕީގެ ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހަމަ ކޮންމެ ދުވަހަކުވެސް ކުރަމުންދާނަން" ޝާޒު ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ދިގު މާޒީ ބަދަލުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާޞިލުކުރުމުގެ އަޒުމުގައި ހުންނެވި ޝާޒު ވިދާޅުވީ، އަމާޒަކީ މި މަސައްކަތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ނިންމުންކަމަށެވެ. މި އިންތިޚާބުގެ ނަތީޖާއާއެކު އެމް.ޑީ.ޕީގެ މަސައްކަތް ދެގުނަކޮށް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަކީ އެޕާޓީގެ އަމާޒު ކަމަށެވެ.