އދ.ފެންފުށީ ސްކޫލްގެ ކްލާސްރޫމްތައް އެރަށުގެ ބެލެނިވެރިން ޑިޖިޓަލައިޒްކޮށްދީފިއެވެ. ޑިޖިޓަލައިޒްކޮށް މިހާރު ބޭނުންކުރަމުންދާ ސިސްޓަމް ރަސްމީކޮށް ފައްޓަވައިދެއްވީ އިއްޔެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ޒަމާނީ ތައުލީމް ދިނުމަށް، ޒަމާނީ ވަޞީލަތްތައް ޤާއިމްކުރުމުގެ މުޙިންމުކަން ޤަބޫލުކޮށް ފެންފުށީ ސްކޫލްގެ ބެލެނިވެރިން އެސްކޫލްގެ ކްލާސްރޫމްތައް ޑިޖިޓަލައިޒް ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ފެށުނު ހިސާބުގައެވެ. އެއީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެސްކޫލްގެ ޕްރިންސިޕަލް ހުށައެޅުއްވި ޚިޔާލާއި އެއްގޮތަށެވެ. އެސްކޫލްގެ ފިރިހެން ބެލެނިވެރިންނަށް ހުށައެޅި ޚިޔާލު ބަލައިގަނެ، އަންހެން ބެލެނިވެރިންނާ ޙިއްޞާކޮށް މިމަސައްކަތް ފުރިހަމަ އެއްއަހަރުގެ ތެރޭގައި ނިންމާލީ މުޅި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކުކަމަށް ސްކޫލްގެ ޕީޓީއޭގެ ނައިބުރައީސާ މަރިޔަމް ނަޝީދާ ވިދާޅުވިއެވެ. މިމަސައްކަތަށް ޑިޖިޓަލައިޒް ކޮމިޓީއެއް އުފައްދަވާ، ޕީޓީއޭއާއި ބެލެނިވެރިން ކުރި މަސައްކަތުން މިސިސްޓަމް ޤާއިމްކުރުމަށް ހަތަރުލައްކަ ފަންސާހެއްހާ ރުފިޔާ ޚަރަދުކުރެއްވިކަމަށް ސްކޫލުން މައުލޫމާތުދެއްވައެވެ. އެސްކޫލްގެ ދިހަ ކްލާސްރޫމް މިހާރު ވަނީ ޑިޖިޓަލްކޮށްފައެވެ. ޕީޓީއޭއިން މައުލޫމާތުދޭ ގޮތުގައި އެކަމަށް ފައިސާ ހޯދީ ތަންތަނަށް ސިޓީލައިގެންނާއި، ކޮމިޓީގެ މެމްބަރުން މާލެގޮސް އެކި ފަރާތްތަކާއި ބައްދަލުކޮށް ކުރި މަސައްކަތުންނެވެ. އެކަމުގެ ހެޔޮނަތީޖާ މިހާރު ފެންނަމުންދާކަމަށާއި، މިހާރު ގްރޭޑް އެގާރަ އުފެއްދުމަށް ބެލެނިވެރިން އަޒުމްކަނޑައަޅާފައިވާކަމަށް ނަޝީދާ ވިދާޅުވިއެވެ.
" ފަހުގެ ގޮތަށް ކުދިންނަށް ކިޔަވައިދިނުމުގެ ބޭނުމުގައި މިކަން އަޅުގަނޑުމެން މިކުރީ. ރަށުގެ އެންމެންގެ ވަރަށް ފުރިހަމަ އެއްބާރުލުން ލިބިގެން މިކަން މިކުރެވުނީ. އިރާދަކުރެއްވިއްޔާ މިކަންތައް އަޅުގަނޑުމެންނަށް މިވީ، މިހާރު ޓާގެޓަކީ ގްރޭޑް އެގާރަ އުފެއްދުން." ނަޝީދާ ވިދާޅުވިއެވެ.
ސްކޫލްގެ ޕްރިންސިޕަލް މޫސާ މުސްތާޤް ވިދާޅުވީ މިހާރު ކިޔަވައިދެމުން ދަނީ ކުދިން ޝައުޤުވެރިވާފަދަ މާހައުލެއްގައި، ޝައުޤުވެރިގޮތްތަކަކަށްކަމަށެވެ. ކްލާސްތަކުގައި ބެހެއްޓިފައިވާ ޒަމާނީ ސިސްޓަމްގެ ފައިދާ ކުދިންނާއި ޓީޗަރުންނަށްވެސް ލިބެމުންދާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
" އަޅުގަނުމެން ކިޔަވައިދިނުމުގައި ބޮޑަށް ބޭނުންކުރަނީ ކުދިން ޝައުޤުވެރިވާކަހަލަ މާހައުލެއް. ޝައުޤުވެރިވާކަހަލަ ގޮތްތަކަކަށް އަޅުގަނޑުމެންގެ ކިޔަވައިދިނުމުގެ ގޮތްތައް ބައްޓަންކުރުން. އެގޮތުން މިނިޒާމްގެ ސަބަބުން ކުދިން އިތުރަށް ޝައުޤުވެރިވެ، ކިޔަވައިދިނުމަށް އިތުރު ފުރިހަމަކަމަށް ލިބޭ. އަދި ޓީޗަރުންނަށް ތައްޔާރުވެލުމާއެކު ކްލާސްރޫމްތެރެއިން ހަޤީޤީ މަންޒަރުތައް ދައްކުވައިދެވޭ." ޕްރިންސިޕަލް ވިދާޅުވިއެވެ.
މިފަދަ މަސައްކަތްތައް ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރާއި ގާތްގަނޑަކަށް އެއްވަރަށް ނުވަތަ ވަރަށް ބޮޑުވަރަކަށް ބެލެނިވެރިންނާއި، ޕީޓީއޭއިންވެސް ސްކޫލްތަކަށް އެކި ކަންތައްތައް ކޮށްދެއްވަމުން ގެންދަވާކަމަށެވެ. އެފަދަ ކަންކަން ވަރަށް ބޮޑަށް ފާހަގަކުރައްވާކަމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.
”މިކަމަކީ އެކަން އަޅުގަނޑުމެން ފާހަގަކޮށް ވަރަށްބޮޑަށް އުފާކުރާކަމެއް. ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް އެކަން އެގޮތަށް އެބަދޭ. ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގައި ގާތްގަނޑަކަށް އެއްކޮށްހެން އެކުރައްވަނީ އެބޭފުޅުން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ތާނގައިވެސް މިގޮތަށް އެންމެ ގުޅިގެން މަސައްކަތްކޮށްގެން ސްކޫލްތަކަށް ކުރިއެރުން ލިބުން." މިނިސްޓަރ ވިދާޅުވިއެވެ.
ފެންފުށީ ސްކޫލްގެ އިތުރުންވެސް ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މިފަދަ ގިނަ މަސައްކަތްތަކެއް ސްކޫލްގެ ޕީޓީއޭއާއި، ބެލެނިވެރިން ގުޅިގެން ގެންދަނީ ކުރަމުންނެވެ.