މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ޝޯއިން މުހައްމަދު އިފްހާމް ވަކިވެއްޖެ


މޯލްޑިވިއަން އައިޑަލަށް ވާދަކުރާ 12 ބައިވެރިންގެ ތެރެއިން 11 ބައިވެރިއަކު ގާލާ ރައުންޑުގެ ދެވަނަ ޝޯވއަށް ދަތުރުކޮށް، އެއް ބައިވެރިއަކު މިރޭގެ ޝޯވއިން ވަކިވެއްޖެއެވެ.

ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން ދެވަނަ ޝޯވއަށް ނުދެވި ވަކިވާންޖެހުނު ބައިވެރިއަކީ މުހައްމަދު އިފްހާމް އަޝްފާޤެވެ. ބެލުންތެރިންގެ ތަރުޙީބު ބޮޑު އަދި ބެލުންތެރިންގެ ވޯޓް، ބޮޑު ދައުރެއް އަދާކުރާ މި މުބާރާތުގެ ގާލާ ރައިންޑްގައި ވަނީ ބެލުންތެރިންނަށް ވޯޓްދެވޭ ވަގުތު އިތުރުކޮށްފައެވެ. އެގޮތުން އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ޝޯވ ދައްކާ ވަގުތުން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް ހުޅުވާލާފައިވެއެވެ.

ކުރީގެ ޝޯވްތަކުގައި ބެލުންތެރިންނަށް ވޯޓްދިނުމުގެ ފުރުޞަތު ދެމުން އައި ޝޯވް ދައްކަން ފުރަތަމަ ފަށާ ވަގުތުން ފެށިގެން އަނެއްދުވަހުގެ ހެނދުނު 9 ޖެހުމާ ހަމައަށެވެ. ހަވީރު 4 ޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްދީފައިވަނީ، މުބާރާތަށް ބެލުންތެރިންގެ ޝައުޤު އިތުރުވެ، އަދި ވޯޓްދޭންޖެހޭ ވަގުތުތަކުގެ ތެރޭގައި ދަންވަރުގެ ވަގުތު ހިމެނޭތީ ޢާންމު ފަރާތްތަކުން އިތުރު ވަގުތަށް އެދެމުން އައުމާއެކުގައެވެ. މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑަށް ބައިވެރިން ހޮވާފައިވަނީ ތިއޭޓަރ ރައުންޑުން ޕިއާނޯ ރައުންޑަށް ދަތުރުކުރި 16 ބައިވެރިން 2 ގްރޫޕަކަށް ބަހާލުމަށްފަހު ކުރިއަށް ގެންދިޔަ 2 ޝޯވއިން އެންމެ ގިނަ މާކްސް ލިބުނު ބައިވެރިންގެ ތެރެއިންނެވެ.

މިހަފްތާގެ ޝޯވއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ދައްކާ ޝޯވގެ އެލިމިނޭޝަން ނައިޓުގައި ކޮންމެވެސް އެއް ބައިވެރިއަކު ޝޯވއިން ވަކިވާނެއެވެ. އަދި މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ވާދަކުރާ ބައިވެރިންނާއެކު މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.