ޚަބަރު

5 އަހަރަށްވުރެ ގިނަ ދުވަސްވީ އުޅަނދު އެތެރެނުކުރެވޭނެ ގޮތް ހަދަނީ


ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލުމާތު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއާއި ހިއްސާކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ޤަވާއިދު ކޮމިޓީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވީ އެއްވެސް ކޮންޓްރޯލެއް ނެތި ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމާއި، އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކުރުމުގެ މައްސަލަތެކެވެ. މިކަމާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ، ސަރުކާރު ބަދަލުވެގެން އައިފަހުން ގަރާޖު ސިޓީގެ ކަންކަން ރަނގަޅަށް ތަންފީޒްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުޅަނދެއް ރަސްޖިސްޓްރީކުރުމަށް ގަރާޖަކަށް ހުއްދަ ދޭފަހުން، އެގަރާޖު ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ބަދަލުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއީ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމަށް ތިބި ބަޔަކު ކުރައްވާފައިވާ ކަމެއްކަމަށް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދުތައް އެއްވެސް ކޮންޓްރޯލެއް ނެތި އެތެރެކުރެކުރެވުމުގެ ސަބަބުން ގަރާޖުގެ މައްސަލަ އެންމެ ބޮޑީ މާލެ ސަރަހައްދުގައިކަމަށެވެ. އެހެންކަމުން އެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް އިޞްލާހު ގެނައުންކަމަށް މިނިސްޓަރ ވިދާޅުވުއެވެ. ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދެއް ރާއްޖެ އެތެރެކުރުމަށް މިހާރުގެ ޤާނޫނުން އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި އެތެރެކުރާ އުޅަނދުތައް ރަޖިސްޓްރީކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޤާނޫނުން ލާޒިމްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަންކަން ހައްލުކުރުމުގެ ގޮތުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އިޞްލާހު މަޖިލީހަށް ފޮނުއްވިކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ، އެއްގަމު އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުން ހިމެނޭހެން ތަފްސީލީ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މާލެއަށް އުޅަނދުތައް ތޮއްޖެހުން ހައްލުކުރުމުގެ ގޮތުން ފަސް އަހަރު ވެފައިވާ އެއްގަމު އުޅަނދު ރާއްޖެ އެތެރެ ނުކުރެވޭނެގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

"22 ޖޫން 2020ގައި އިކޮނިޮމިކް މިނިސްޓްރީއަށް ސިޓީއަކުން ދެންނެވިން. ވެހިކަލް ކޮންޓްރޯލް ކުރުމަށްޓަކައި ފަސް އަހަރު ވެފައި ހުރި ވެހިކަލް ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތަށް ބަދަލުކުރުމަށް. ނަމަވެސް އެކަން ވެގެނެއް ނުދިޔަ. އަޅުގަނޑުމެން އެ ސިޓި ފޮނުވީމަވެސް އެކަމަށް އަޅުގަނޑުމެންނަށް ފިޔަވަޅެއް އެޅި ޤާނޫނަށް އިޞްލާހެއް ނުގެނެވުނު. ރާއްޖެއަށް ވެހިކަލް އެތެރެކުރުމަށް ކޮންޓްރޯލެއް ނެތިެއްޔާ އެތެރެކުރަމުންދާނެ އައްޑޫ ވިޔަސް ގްރޭޓާ މާލެ ސަރަހައްދުވިޔަސް." ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެއަށް ވެހިކަލް ތޮއްޖެހުން ހައްލުކުރެވޭނެ އަނެއް ގޮތަކީ އަހަރެއްގެ މައްޗަށް އެތެރެކުރެވޭނެ އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުންކަމަށެވެ. އެއީ މިހާރުވެސް ސިޓީ ކައުންސިލުން ކުރުން ލާޒިމްކަމެއްކަމަށް ވިދާލުވެ މިނިސްޓަރ ވަނީ، އެ އިޞްލާހުވެސް ޤާނޫނަށް ގެނައުމަށް ހުށައަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މާލެ ސަރަހައްދަށް އެންމެ ބޮޑަށް މި މައްސަލަ ދިމާވެފައި މިވަނީ. މިތަނަށް ކަނޑައެޅިގެން ރަޖިސްޓްރީ ކުރެވޭނީ ކިތައް ވެހިކަލްތޯ އަހަރެއްގެ މައްޗަށް އަދަދެއް ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ސިޓީ ކައުންސިލުން ކުރަންޖެހޭނެ ކަމެއް. ނަމަވެސް އެބޭފުޅުން އެ ނިންމުން ނުނިންމާތީ ވެހިކަލް ގިނަވެގެން މިދަނީ. މިކަމުގަ ހައްލެއް ރައްޔިތުންނަށް ގެނެސްދޭނެ ބޭނުންވާނަމަ ކޮމިޓީންނަމަވެސް މިކަމަށް ހައްލެއް ގެނެސްދެއްވާ." ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އެތެރެކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ކުރިން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ހަރުދަނާކުރަންޖެހޭކަމަށެވެ. އެކަމަށްޓަކައި މިނީބަހުގެ ޚިދުމަތް ފަށާފައިވާކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ.


އެއްގަމު އުޅަނދުތަތައް ލިމިޓް ކަނޑައެޅުމާއި ގުޅޭގޮތުން ކެބިނެޓަށް ހުށައަޅާފައިވާ ކަރުދާހުގެ ތަފްސީލް ކޮމިޓީއާއި ހިއްސާކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު ޢަބްދުލްޣަނީ ވިދާޅުވީ އެ ކަރުދާހުގައި ކޮންމެ ރަށަކަށް އެތެރެކުރެވޭނެ ވެހިކަލްގެ ޢަދަދު ކަނޑައެޅުމާއި، އަހަރީ ފީ ދެއްކުމާއި ގުޅޭ ކަންކަން ހިމެނޭނެކަމަށެވެ. ޚާއްޞަކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް މަގުފަހިކުރުމަށްވެސް ކަރުދާހުގައި ހިމެނޭކަމަށް ހަމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާހެއް ގެނައުމަށް ހުށައަޅާފައި. އެއީ ފަސް އަހަރަށްވުރެ އުމުރު ދިގު ވެހިކަލެއް ވެއްޖާ އިމްޕޯޓެއް ނުކުރެވޭނެ. އެ ބަދަލު ގެނައުމާއެކުވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. އެއީ އޭގެ ފަހުން ނާންނާނެ އުމުރު މަވެފައި ހުރި ވެހިކަލެއް ރަޖިސްޓްރީ ކުރާކަށް. ހަގީގަތުގަ ދަންނަވަންޔާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާއިދުގައި އެއްގަމު ދަތުރުފަތުރުގައި ދުއްވާ އުޅަނދުގައި ފަސް އަހަރު ނުވާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭނޭ ޙާއްޞަ ހާލަތެއްގަ މެނުވީ. ޚާއްޞަ ހާލަތްތައްވެސް އަބަހުރޭ ބަޔާންކޮށްފަ. ހަމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ދުއްވާ ބައެއް އެއްގަމު އުޅަނދުތަކަކީ ގިނަ ދުވަސްވީ އުޅަނދުތަކެކެވެ. ޢުމުރުން ދުވަސްވެފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ބޭނުންކުރާތީ ދިމާވާ މައްސަލަތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.