ޕަވާން ކްރިޕަލާނީ ޑައިރެކްޓްކުރާ ތްރިލާ ފިލްމު "ގޭސްލައިޓް" އަކީ ބޮލީވުޑްގައި އަރަމުން އަންނަ ތަރި ސާރާ އަލީޚާންގެ ކުރިއަށް އޮތް ފިލްމެވެ. މީގެ ރަސްމީ ޓްރެއިލާ ދާދިފަހުން ދައްކާލާފައިވާއިރު، ޓްރެއިލާ ދައްކާލިތާ މާގިނައިރުތަކެއް ނުވެ ސާރާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތްވެސް ފަށާފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ސާރާގެ ކުރިއަށް އޮތް ފިލްމަކީ ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" ގެ ޑައިރެކްޓަރު ޝަރުމަން ޝަރުމާގެ ފިލްމެކެވެ. އަދި ސާރާ މިހާރު ވަނީ މި ފިލްމަށް ސޮއިވެސް ކޮށްފައެވެ.
ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ އެއްކޮށް ނިމިފައެވެ. އަދި ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިޢުލާންކުރާނެއެވެ. ނަމަވެސް ދެހާސް ވިހީގައި ގެނެސްދިން "ގުންޖަން ސަކްސޭނާ" ގޮތަށް ޝަރަންގެ އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ކަމެއް އަދި ސާފެއް ނުވެއެވެ.
ޖާންވީ ލީޑް ރޯލުން ފެނުނު ފިލްމު "ދަ ކާގިލް ގާލް" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1999 ގައި ކުރި ކަރްގިލް ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި ޕައިލެޓެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކުރި ގުންޖަން އަށް ބިނާކޮށް، ގެނެސްދިން ބައޮގްރަފިކަލް ޑްރާމާއެކެވެ. މިއީ ޝަރަންގެ ފުރަތަމަ ޑައިރެކްޝަނެވެ. އޭނާ މިހާރު އަންނަނީ ޖާންވީ އާއި ރާޖްކުމާރު ރާއޯއާ އެކީ "މިސްޓަ އެންޑް މިސިޒް މާހީ" ކިޔާ ފިލްމެއް ހަދަމުންނެވެ. އެ ފިލްމު މި އަހަރު ރިލީޒްކުރާނެއެވެ.
"މިސްޓަ އެންޑް މިސިޒް މާހީ" އަށް ފަހު ސާރާއާ އެކީ ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ އިރު، ސާރާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 30 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ މިސްޓްރީ ތުރިލާ "ގޭސްލައިޓް" އިންނެވެ.