މިއަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ މިންވަރު 2 ގުނަ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތާއި، ލިބޭނެކަމަށް އަންދާޒާ ކުރާ އަދަދައި ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި ސުވާލުކުރައްވާފައެެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2019 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދާއި ގާތަށް އެހީ ލިބުނުކަމަށެވެ. ނަމަވެސް 2020 އަހަރާއި 2021 ވަނަ އަހަރު ދުނިޔެއަށް ދިމާވި ކޯވިޑް-19ގެ ހާލަތާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން އިޤްތިޞާދަށް ދިމާވި ގޮންޖެހުންތަކާއިއެކު ހިލޭ އެހީއަށް އަސަރުކުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ބޭރުން ހިލޭއެހީއާއި، ކޮންސެޝަނަލް ލޯނާއެކު ލިބޭނެކަމަށް އަންދާޒާކުރި 300 މިލިޔަން ޑޮލަރު ހޯދުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
"އަޅުގަނޑަށް ހަމަ ވަރަށް ޔަގީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަސައްކަތް ކާމިޔާބު ވެގެންދާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިއަހަރު ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ލިބޭއިރު، އެއީ ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިއަހަރު ބަޖެޓް ފާސްކުރިއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.
ރާއްޖޭގެ އިޤްތިޞާދު ކޯވިޑަށްފަހު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ބުނަމުންނެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ ރިޒާވަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ތަފާސް ހިސާބުތަކުންވެސް ދަނީ ހާމަވަމުންނެވެ. ރާއްޖެއަށް ލިބެމުންދާ އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތައްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.