2016-02-25
އަމާޒައަކީ ވީހާވެސް ގިނަ މެޗްތަކަކުން މޮޅުވުންކަމަށް، ސެންޓްރަލް ޒޯން ޗެންޕިއަންޝިޕް ވޮލީ ބޯޅަ މުބާރަތަށް ގައުމީ އަންހެން ވޮލީ ޓީމް ތައްޔާރުކުރަމުންދާ އެޓީމްގެ ކޯޗް އަހުމަދު އަދީލް ބުނެފިއެވެ. އަދީލް ބުނީ ފަރިތަކުރަން ލިބުނު އެއްމަސް ދުވަހަކީ އެންމެ އެކަށީގެންވާ ވަގުތުނޫންކަމަށެވެ.
ކޯޗް އަދީލްބުނީ މިފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވުމަށް އެއް މަސްދުވަހަކީ ވަރަށް ކުޑަދުވަސްކޮޅެއްކަމަށެވެ. މިފަދަބޮޑެތި މުބާރާތްތަކަށް ތައްޔާރުވުމަށް މަދުވެގެން ތިން މަސް ދުވަސް ބޭނުންވާނެކަމަށާއި ނަމަވެސް ފަރިތަކުރުމަށް ލިބުނު އެއްމަސް ދުވަހުގެ ތެރޭގައިވެސް ޓީމް ސެންޓްރަލް ޒޯން ޗެންޕިއަންޝިޕް ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވުކުރެވޭނެކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް އަހުމަދު އަދީލް (ބޭބޭ)ބުންޏެވެ. އަދީލްބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ ސައުތު އޭޝިއަން ގޭމްސް ނިންމާލިއިރު، ޓީމް އޮތީވަރަށް ފޯމްގައިކަމަށާއި، އެހެންކަމުން ޓީމް ތައްޔާރުކުރުމަށް މާބޮޑު އުނދަގޫތަކާވެސް ކުރިމަތިލާން ނުޖެހޭކަމަށެވެ. ސެންޓްރަލް ޒޯން މިމުބާރާތުގައި ވާދަކުރާނީ ކޮން ޓީމްތަކަކާއެކު ކަމެށް ޔަގީންކަމާއެކު ބުނަން ނޭނގުނު ނަމަވެސް، މިޒޯންގެ ޓީމްތަކަކީ ރާއްޖޭގެ އަންހެން ޓީމްތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމްތަކެއްކަމަށާ އަދި ބައެއް ޓީމްތަށް މިހާރުވެސް ރާއްޖޭގެ ގައުމީ އަންހެން ޓީމްވަނީ ބަލިކޮށްފަކަމަށް އަދީލް ފާހަގަކުރިއެވެ.
"ހަޤީގަތުގައި އަދި މިމުބާރާތުގައި ވާދަކުރާ ޓީމްތަށް އަދި ފައިނަލެއް ނުވޭ، އެހެންވީމަ އަދި ވަކި އަމާޒެނެތް، ބަލިކުރާނީ ވަކި މިވެނި ޓީމްތަކެއް ކަން އަދި ބުނަން ދަތި. ނަމަވެސް ބޭނުންވަނީ ވީހާވެސް ގިނަ ޓީމްތަކެއް ބަލިކުރަން. މުބާރާތް ކުރިއަށްދާނެ ގޮތްވެސް އަދި ނޭނގޭ، އަކަމަކު ހީވަނީ މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންހެން" އަދީލް ބުންޏެވެ.
ޤައުމީ ވޮލީ ޓީމް މިހާރު އެކުލަވާލާފައިވަނީ ޒުވާން ކުޅުންތެރިންނާ ތަޖްރިބާކާރު ކުޅުންތެރިންނާއެކުއެވެ. އަދީލް ބުނީ ޒުވާން ކުޅުންތެރިން ޓީމްގައި ހިމެނުނަސް އެކުޅުންތެރިންނަކީވެސް ހުނަރުހުރި މޮޅަށް ކުޅޭ ކުޅުންތެރިންތަކެއް ކަމަށެވެ. އަދި ހަމައެކަނި އެކުޅުންތެރިންނަށް މަދުވަނީ ތަޖްރިބާކަމަށްވެސް އަދީލް ބުންޏެވެ.
ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ވޮލީ ޓީމް ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. ސީދާ ތިން ސެޓުން ބަލިވެފައިވަނީ މަޑަގަސްކަރައާ ސީޝެލްސްއަތުންނެވެ. އަދި ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމްވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާ ސެމީފައިނަލުން ޖާގަ ހޯދާފައެވެ.