ސިއްހަތު

4 އަތޮޅެއްގައި ފްރީ ހެލްތް ކޭމްޕް ބާއްވަނީ


ދިވެހި ރެޑް ކްރެސެންޓާއި، ޔުނިވަރސަލް ފައުންޑޭޝަނުން ގުޅިގެން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ފްރީ ހެލްތް ކޭމްޕް ބޭއްވުމަށް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސިއްޙީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި ރެޑް ކްރެސެންޓާއި ޔުނިވަރސަލް ފައުންޑޭޝަނުން ވަނީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި މިއަދު  ސޮއިކޮށްފައެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ރައްޒާޤު އިބްރާހީމް ވިދާޅުވީ ހެލްތް ކޭމްޕް ގައި އެއްވެސް އަގަކާއި ނުލާ ބަލި މީހުން ބެލުމާއި ޓެސްޓްތައް ހެދުމާއި އަދި އެކިއެކި ބަލިތަކާއި ގުޅޭގޮތުން އާއްމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ރެޑް ކްރެސެންޓްގެ ހަތަރު ގޮތްޕެއްގައި ކުރިއަށްދާ މި ކޭމްޕް އެންމެ ފުރަތަމަ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ފުވައްމުލަކުގައިކަމަށް އަބްދުލް ރައްޒާޤު ވިދާޅުވި. އަދި އިތުރު ރަށްތައް ފައިނަލްވުމުން އެރަށްތައް އިޢުލާންކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މިކޭމްޕްގައި ޚިދުމަތްދެމުންދާނީ އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުގެ ސްޕެޝަލިސްޓުންކަމަށާއި، ޚިދުމަތްދޭން ޑޮކްޓަރުން ހޯދުމާއި މިކަމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސަލް ފައުންޑޭޝަނުނެވެ. އެފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ ހެލްތް ކޭމްޕްގައި ޚިދުމަތްދިނުމަށް ލަންކާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މަޝްވަރާކުރަމުންދާކަމަށެވެ.

މީގެ އިތުރުން ރެޑް ކްރެސެންޓުން މާލޭގައި މިހާރުވެސް ދެމުންގެންދާ ބަލިމީހުން އުފުލައިދިނުމުގެ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށްވެސް ވަނީ އެއްބަސްވެފައެވެ. މިއެއްބަސްވުމުގެ ދަށުން ބަލި މީހުން އުފުލުމާއި އެމްބިއުލާންސް ދުއްވާ ޑްރައިވަރުގެ އެއް އަހަރު ދުވަހުގެ މުސާރަ ޔުނިވަރސަލް ފައުންޑޭޝަނުން ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.