ޚަބަރު

އިންތިޚާބުތަކާއި ދިމާކޮށް މަޝްރޫޢުތައް ހިންގުމުގެ ސަގާފަތް ބަދަލުކޮށްފިން: ރައީސް


ރާއްޖެއަށް ލިބޭ އާމްދަނީއާއި އަޅާބަލާއިރު، މިހާތަނަށް ޤައުމު ތަރައްޤީ ނުވެ އޮތީ، އިންތިޚާބުތަކާއި ދިމާކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތ.ހިރިލަންދޫގައި ސަރުކާރުން ތަރައްޤީކުރި ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހިރިލަންދޫ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. އެގޮތުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެރަށުގައި ކުރިއަށްދާއިރު، ރައްޔިތުންނަށް އޮތް ޔަޤީންކަމަކީ އެ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގައި ހުރި އަސާސީ އެތައް ކަމެއް ނުކުރެވި ފުނިޖެހިފައި ހުރި މަންޒަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފެނިވަޑައިގަތްކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާއާއި ތަޢުލީމާއި ސިއްޙީ އަދި ލަފާފުރުމުގެ ދަތިކަން ގިނަ ރަށްރަށަށް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން މިހާތަނަށް ނުވެ އޮތީ އިންތިޚާބުތަކަށް ފަށާ މަޝްރޫޢުތަކެއްގެ ގޮތުގައި އޭރުގެ ސަރުކާރުތަކުން އެކަންކަން ކުރަމުންދިއުމުގެ ސަބަބުންކަމަށެވެ.

ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަޝްރޫޢުތައް ހިންގާގޮތަށް ރާއްޖޭގައި އޮތް ސަގާފަތް މިސަރުކާރުން ބަދަލުކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިހާބުތަކާއި ދިމާކޮށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްޤީކުރުންކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

"މިޤައުމު ތަރައްޤީވާނީ ރައްޔިތުން ތަރައްީވެގެން. ރައްޔިތުން ތަރައްޤީ ވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރަތަމަ ފޯރުކޮށްދެވިގެން. ރަށްރަށުގައި އާއިލާއަށް ހަމަޖެހިގެން އުޅޭވޭނެ ގޮތްތަކެއް ހަދައިދީގެން. މީގެ ކުރިން ސަރުކާރުތަކުން ކަންތައް ކުރަމުން އައިސްފައިވާގޮތުގެ ތަފްސީލަށް ނުދިޔަނަމަވެސް ކުރަން ފަށާފައިހުރި މަސައްކަތްތަކުން ފެންނަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިޚާބަކަށް ތައްޔާރުވާތަން. ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ދިމަދިމާލަށް ކުރުން. އެއީ މި ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ކަން ކުރަމުން އައި ގޮތް. ނަތީޖާއަކީ ރާއްޖެއަށް ލިބޭ އާމްދަނީއާއި ބަލާއިރު ރާއްޖެ ތަރައްޤީވާން ޖެހޭ މިންވަރަށް ތަރައްޤީ ނުވެ އޮތުން." ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހިރިލަންދޫއައަކީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށް ވިދާޅުވިއެވެ. އެގޮތުން އެރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަމުގެ މަސައްކަތްތަކާއި ފައިބަރު މަސައްކަތްތަށް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަސާސީ ޚިދުމަތްތައް ނެތުންކަމަށް ރައީސް ވިދާޅުވިއެވެ.

"ތިބޭފުޅުން ނިންމަވާނީ ގޮތް. ތަރައްޤީއަށް ކުރަން ފަށާފައިވާ މި މަސައްކަތްތަކާއިގެން ކުރިއަށް ދާނީތޯ ނޫނީ މަޑުޖެހި ތިބޭނީތޯ ވަރަށް ސާފު. އެކަން ތިބޭފުޅުން ނިންމަވާނީ ވިސްނުންތެރިކަމާއެކު. އެގޮތުން ރަށްރަށުގައި ހުރި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަކީ މިހާރު އަސާސީ ޚިދުމަތަތެއްގެ ގޮތުގައި ލިބެންޖެހޭ. ވަކި ފަރުދުންގެ ކުރިއެރުމާ އިޤްތިޞާދަށް ކަރަންޓަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިހާތަނަށް ކަރަންޓު ލިބުނުނަމަވެސް ގިނަ ރަށްރަށުގައި އެކަން އޮތީ ރައްޔިތުންނަށް ބޮޑު ވޭނަކަށްވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ހިންގަނީ ކުރިއަށް އޮތް 50 އަހަރަށް މާބޮޑު ބަދަލެއް ނުގެނެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ޕްލޭނާއެކުކަމަށެވެ.

ހިރިލަންދޫގައި ރައީސް ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ. ކުރިން އެރަށުގައި ކަރަންޓު ދިނުމަށް ހިންގި އޮފީހަކީ 9ފޫޓް 15 ފޫޓުގެ ކުޑަ އޮފީހެއް ނަމަވެސް، އައު އޮފީހަކީ 50 ފޫޓް 35 ފޫޓޫގެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.

ރައީސް ވިދާޅުވީ އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރު 3 ޖަނަރޭޓަރު ފޯރުކޮށްދީފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުން ބޭނުންވާ މަޝްރޫޢުތައް އެރަށުގައި ހިންގައިދެއްވާނެކަމުގެ ޔަޤީންކަން ރައީސްގެ ވާހަކަފުޅުގައި ދެއްވިއެވެ.

ތ.ހިރިލަންދޫއަކީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށްވާއިރު ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމާއި ފައިބަރުގެ މަސައްކަތްތަކެވެ. ނަމަވެސް އެ މަސައްކަތްތަކަށް މިހާތަނަށް އޮތް އެންމެ ބޮޑު ދައްޗަކީ އަސާސީ ޚިދުމަތްތައް އެރަށުގައި ފުރިހަމަވެފައި ނެތުމެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އެރަށު ބިން ހިއްކުމާއި، ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް އައު އިންޖީނުގެ އެޅުމާއި، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމާއި ސްކޫލަށް ޖާގަ އިތުރުކުރުމާއި ފެނާ ނަރުދަމާ ފަދަ މަޝްރޫޢުތައް ހިމެނެއެވެ.